ENGLISH

24 ޖޫން 2026

Advertisement

ރޮނާލްޑޯގެ ދެ ރިކޯޑާއެކު ޕޯޗުގަލްއަށް ބޮޑު މޮޅެއް

24 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި އުޒްބެކިސްތާން ކޮޅަށް ލަނޑު ޖެހުމަށްފަހު ޕޮޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ރިކޯޑެއް ގާއިމުކުރި މެޗުގައި، އުޒްބެކިސްތާން 5-0 ގެ ނަތީޖާއަކުން ބަލިކޮށް، ފީފާ ވޯލްޑް ކަޕް 2026 ގައި ޕޯޗުގަލް ފުރަތަމަ މޮޅު ހޯދައިފިއެވެ. 

މި މެޗުގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، އޭނާ ހެދި ދެ ރިކޯޑަކީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފުވެރި ރިކޯޑާއި، ވޯލްޑް ކަޕުތަކުގައި ޕޯޗުގަލްއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑެވެ. 

ހަ ވޯލްޑް ކަޕުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ރޮނާލްޑޯއަށް، މުބާރާތުގެ ފުރަތަމަ މެޗުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއާ ދެކޮޅަށް ދެއްކި އާދައިގެ ކުޅުމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ނަމަވެސް މި މެޗުގައި ރޮނާލްޑޯ ވަނީ އެ ފާޑުކިޔުންތަކަށް ވަރުގަދަ ޖަވާބެއް ދީފައެވެ.

ވޯލްޑް ކަޕުގައި ޕޯޗުގަލް އާއި އުޒްބެކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއެކު، ވޯލްޑް ކަޕުގައި އޭނާ ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ 10 އަށް އަރާފައެވެ. އަމާޒުވި ފާޑުކިޔުންތަކާ އެކުވެސް، ކޯޗު ރޮބާޓޯ މާޓިނޭޒް އޭނާއަށް އިތުބާރުކޮށް ފުރަތަމަ އެގާރައިގައި ހިމެނި ނިންމުމަކީ ރަނގަޅު ނިންމުމެއްކަން މިވަނީ ސާބިތުވެފައެވެ.

މި މެޗުގެ ހަވަނަ މިނެޓުގައި ޖޮއާއޯ ކަންސޭލޯ ނަގައިދިން ހުރަހަކުން ރޮނާލްޑޯ ލަނޑުޖަހައި ތާރީޚުގެ ތެރެއަށް ވަދެގެންދިޔައެވެ. އަދި ނޫނޯ މެންޑޭޒް ހިލޭ ޖެހުމަކުން ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައި ވަނިކޮށް، ރޮނާލްޑޯގެ ދެވަނަ ލަނޑު ފެނިގެންދިޔައެވެ. ޕޯޗުގަލްގެ ތިންވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. 

ވޯލްޑް ކަޕުގައި އުޒްބެކިސްތާން ކޮޅަށް ލަނޑު ޖެހުމަށްފަހު ޕޯޗުގަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

މި މެޗުގެ ދެވަނަ ހާފުގައި މާ ގިނަ ކަންތައްތަކެއް ނުފެނުނު ނަމަވެސް، އުޒްބެކިސްތާންގެ ގޯލްކީޕަރު އަތުން ބައިކޮޅަށް ލަނޑެއް ވަނުމުގެ އިތުރުން، ރަފައެލް ލިއާއޯ ފަސްވަނަ ލަނޑު ޖެހިއެވެ. ރޮނާލްޑޯއަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުތައް ބޭކާރުވި ނަމަވެސް، އޭނާ މިވަނީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ދައްކުވައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު