ENGLISH

23 ޖޫން 2026

Advertisement

އީސީއަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުންދީފި

23 ޖޫން 2026

|

އައިމިނަތު ޝަފާ

މުހައްމަދު ޝަކީލް

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މެންބަރުގެ މަގާމަށް ހައްޖު ކޯޕަރޭޝަނުގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މަޖިލީހުން ޝަކީލަށް ރުހުންދީފައިވަނީ އިލެކްޝަންސް ކޮމިޝަނަށް އޭނާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކޮށް ރުހުން ދޭން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

ޝަކީލް އެ މަގާމަށް އައްޔަނުކުރެއްވުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރަކު ރުހުންދެއްވިއެވެ.

ޝަކީލް މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަގާމު އަދާކުރައްވާފައިވެއެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތިނަކުން 2018 ވަނަ އަހަރުގެ މޭ މަހުގެ ނުވަ ވަނަ ދުވަަހުގެ ނިޔަލަށް ކޮމިޝަނުގެ  މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެމްބަރު 2013 އިން 03 ޑިސެމްބަރު 2014 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހުމާން ސަލާހު ރަޝީދާއި ތިން މެމްބަރުންކަމަށްވާ މެންބަރުން ހަސަން ޒަކަރިއްޔާއާއި އަބްދުލްހަސީބް އިސްމާއިލާއާއި އަލްއުސްތާޛް ރިފްއަތު އަބްދުﷲއެވެ.

ކިޔުންތެރިންގެ ހިޔާލު