ENGLISH
23 ޖޫން 2026
ދާރުލް އުލޫމުގެ އަސްލު ނުގެއްލޭނެހެން ތަރައްގީކުރަނީ
23 ޖޫން 2026
|
ދާރުލް އުލޫމްގެ ކުރީގެ ފޮޓޯއެއް. މިތަން އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ.
އެންމެ މަޤްބޫލު
ރާއްޖޭގައި ހުރި ތާރީހީ އެންމެ މުހިންމު އެއް ބިނާ ކަމަށްވާ މަޖީދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ހުރި "ދާރުލް އުލޫމް" ގެ އަސްލު ސިފަތަކާއެއްގޮތަށް، އަދި މުހިންމު ހަފްލާތައް ބޭއްވޭގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުހައްމަދު ވިދާޅުވީ، މަޖީދިއްޔާ ސްކޫލަށް 100 އަހަރު އަންނަ އަހަރު ފުރިގެންދާއިރު، ތާރީހީ އެ ބިނާ، އާސާރީ ތަނެއްގެ ގޮތުގައި އާންމުނަށްވެސް ބޭނުން ކުރެވޭނެ ގޮތަށް ތަރައްގީކުރަން ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރުން ފާހަގަކުރަން ހިންގާ ހަރަކާތްތައް ވިލަރެސް ކުރާ ކޮމެޓީގެ ޗެއާއެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާ ޑރ. އަޙްމަދު ވިދާޅުވީ، ދާރުލްއުލޫމާއި ކުރިބޯށި އިމާރާތަކީ ތާރީހީ ދެ އިމާރާތްކަމަށެވެ. އެއީ ތައުލީމީ ބިނާތަކުގެ ތެރޭގައި ހުރި އެންމެ މުހިންމު ދެ ބިނާ ކަމަށް ވިދާޅުވިއެވެ. ދާރުލްއުލޫމުގެ ހޯލަށް އެކި ދުވަސްވަރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އިހުގެ ބައެއް ސިފަތައް ގެއްލިފައިވާކަމަށް ޑރ. އަހުމަދު ވިދާޅުވިއެވެ.
ދާރުލްއުލޫމް ތަރައްގީ ކުރާނީ ރީތި ހޯލެއްގެ ގޮތަށް، ކުރިން ވެސް އެ ހޯލުގައި ބޭއްވި ފަދަ މުހިންމު ހަފްލާތައް ވެސް ބޭއްވޭ ގޮތަށް، އެ އިމާރާތުގެ އަސްލާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށް ގެންދާނީ މަޖީދިއްޔާގެ އިސްދަރިވަރުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކުގައި ކަމަށް ޑރ. އަހުމަދު ވިދާޅުވިއެވެ.
ނަވާރަ ސަތޭކަ ފަންސާސް ދެ ވަނަ އަހަރު ހުޅުވި ދާރުލް ޢުލޫމަކީ 1 ޖެނުއަރީ 1953 ވަނަ އަހަރުގައި ޖުމްހޫރީ ވެރިކަމަކަށް ބަދަލުވި ތާރީހީ ރަސްމިއްޔާތު ކުރިއަށް ގެންދިޔަ ތަނެވެ. ދާރުލް އުލޫމުގައި ރަސްމީ ހަރަކާތްތައް ބޭއްވުން ހުއްޓުނީ އިސްލާމީ މަރުކަޒު އިމާރާތްކޮށް ބޭނުންކުރަން ފެށުމުން 1984ގައި ވަނަ އަހަރުގެ ތެރޭގައެވެ.
ދާރުލްއުލޫމަކީ ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީނު ބިނާ ކުރެއްވި ތަނެކެވެ. މުހައްމަދު އަމީން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިތުރުން ދައުލަތުގެ މުހިއްމު އެތައް ހަފުލާއެއް އެތަނުގައި ބާއްވާފައިވެ އެވެ.