ENGLISH

23 ޖޫން 2026

Advertisement

"އެމްޑީޕީގެ ޗެއާޕާސަންއަކީ ބައްތި ނޮކިޔާ ޒަމާނުގެ އަޕްޑޭޓް ނުވާ ވާޝަންއެއް"

23 ޖޫން 2026

|

އައިމިނަތު ޝަފާ

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު. މިއަދުގެ ޖަލްސާގައި މެމްބަރު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ފޮޓޯ؛ މަޖިލިސް.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންއަކީ ބައްތި ނޮކިޔާ ޒަމާނުގެ އަޕްޑޭޓް ނުވާ ވާޝަންއެއްކަމަށް ވިދާޅުވެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު އެ ޕާޓީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އަލިފުށި ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާނު ހުށަހަޅުއްވާފައިވާ ޑިޖިޓަލް އައިޑެންޓިޓީގެ ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މެމްބަރު ވިދާޅުވީ މި ބިލަކީ ރާއްޖެއަށް މުހިންމު ބިލެއްކަމަށެވެ. 

ބިލާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންދަނީ ބިލުގެ ހަގީގީ މަގުސަދު ނޭނގޭތީކަމަށް ވިދާޅުވެ މެމްބަރު ވިދާޅުވީ 23 އަހަރު ރާއްޖޭގެ ނޭޝަނަލް އިންފްރާސްޓްރަކްޗަރ ބިނާ ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށެވެ. އެފަހުން މޯލްޑިވްސް ޑިޖިޓަލް ސާވިސް މީގެ 14 އަހަރު ކުރިން އުފެދުމަށްފަހު އީ-ފާސް ތައްޔާރުކުރިކަމަށާއި ނަމަވެސް އޭރު މިކަންކޮށްފައިވަނީ އީ-ފާހުގައި ހިމެނުމަށް ލާޒިމުކުރާ ގިނަ އުންސުރުތަކެއް މަދުކޮށްކަން މެމްބަރު ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ އެެހެން އެކަންވީ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަކީ ޒަމާނީ ޓެކްނޮލޮޖީއާ ބީރަށްޓެހި ބަޔަކަށްވާތީކަމަށެވެ. 

"އެހެން އެކަން ވެދާނެ، އެހެން އެކަން ވާން ދިމާވާ ސަބަބަކީ މިހާރުވެސް އިދިކޮޅުގައި އޮތީ މީގެ ފަނަރަ ސޯޅަ އަހަރު ކުރީގައި އަޅުގަނޑުމެން ބައްތި ނޮކިޔާ ގެންގުޅުނު ޒަމާނުގައި އޮންނަ ކަހަލަ ކުރީގެ ވާޝަންއެއް، އަޅުގަނޑުމެން މިދަނީ 2.0 އަށް. މިހާރުގެ އެމްޑީޕީގެ ޗެއާޕާސަންއަކީވެސް އިހުގެ އަޕްޑޭޓް ނުވާ ވާޝަންއެއް، އެހެންވީމާ މި މައްސަލަ ދިމާވެދާނެ،". މެމްބަރު ވިދާޅުވިއެވެ.

ޑިޖިޓަލް އައިޑެންޓިޓީގެ ބިލު މުހިންމުވާ އިތުރު ސަބަބެއްގެ ގޮތުގައި މެމްބަރު ފާހަގަކުރެއްވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އީ-ފާސް އިނގިރޭސިވިލާތުގެ ބަޔަކާ ހަވާލުކުރިއިރު އޭގެތެރެއިން ތިން މީހަކު އިސްރާއީލަށް ނިސްބަތްވުމެވެ. މި ސަރުކާރުން އެކަން ބަދަލުކޮށްފައިވާކަމަށާއި އެހެންނަމަވެސް ގާނޫނީ ބާރުވެރިކަން ދިނުމާއި ގާނޫނީ އުންސުރުތައް ހަމަކުރަން މަސައްކަތްކުރަންޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއި ދެމެހެއްޓެނިވި ތަރައްގީއަށް ޖާގަ ދޭންޖެހޭނެ ކަމަށާއި މި ސަރުކާރުން ކުރަމުންދަނީ ކުރީގެ ސަރުކާރަސް ނުކުރެވުނު މިބާވަތުގެ ކަންކަންކަމަށް ވިދާޅުވިއެވެ. 

ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ރާއްޖޭގައި ޤާއިމްކޮށް ހިންގުމާ ގުޅޭ ގިނަ ތަފްސީލްތަކެއް ހިމެނޭ ޑިޖިޓަލް އައިޑެންޓިޓީގެ ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ އިދާރާތަކާއި، ގާނޫނީ ޝަހުސުތަކާއި އެނޫން ވެސް ފަރާތްތަކާއެކު އޮންލައިންކޮށް ކުރާ މުއާމަލާތުތަކުގައި، އައިޑެންޓިޓީ ކަށަވަރު ކުރުމަށް ބޭނުންކުރާ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތަކަށް ނިޒާމު ފަރުމާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު