ENGLISH
23 ޖޫން 2026
ޢިލްމީ ބަހުސްތައް އާންމުކުރުމަކީ އެ ޤައުމެއްގެ މުސްތަޤުބަލަށްޓަކައި އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅު: ވަޒީރު ހީނާ
23 ޖޫން 2026
|
އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަންއިންގެ ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ:ސަރުކާރު
އެންމެ މަޤްބޫލު
ޤައުމެއްގައި ޢިލްމީ ބަހުސްތައް އާންމުކުރުމަކީ އެ ޤައުމެއްގެ މުސްތަޤުބަލަށްޓަކައި އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅު ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަންއިން އިންތިޒާމުކޮށްގެން ރޭ ބޭއްވި ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ފިކުރީ ވިސްނުންތަކާއި އައު ހޯދުންތަކުގެ އިތުރުން ހަރުދަނާ ލީޑަރުން ވެސް އުފެދިގެން އަންނަނީ ޢިލްމީ ބަހުސްތަކުގެ ތެރެއިން ކަމަށާއި، މަދުރަސީ ދައުރުގަޔާއި އަދި ޔުނިވަރސިޓީ ލެވެލްގެ އިތުރުން އެހެނިހެން ލެވެލްތަކުގައި ވެސް މިފަދަ ކަންކަން އާލާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢާއި އަޅުގަނޑުމެންގެ ވެށިން ފެންނަންހުރި ކަންކަމާމެދު ޢިލްމީ ނަޒަރަކުން ބަހުސްކުރެވި، އަންނާން އޮތް ޖީލުތަކަށް ނަމޫނާއާއި ހެޔޮގޮތް ދައްކައިދިނުމަށްޓަކައި ޢިލްމީ މިފަދަ ބަހުސްތަކާއި ވާހަކަތަކަށް މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އެހެންކަމުން އެކިއެކި މައުޟޫޢުތަކަށް އަޅުގަނޑުމެންގެ ސިކުނޑިތައް ހުޅުވާލައި، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވަޒީރު ހީނާ ވަލީދުގެ ވާހަކަފުޅު ނިންމަވާލެއްވީ، އެމްއެންޔޫގެ ޒުވާން ހިންގުންތެރި ޓީމަކީ އެކަމަނާ ފާހަގަކުރެއްވި އަމާޒުތަކަށް ވާސިލުވުމުގެ ފުރިހަމަ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބައެއްކަން ފާހަގަކުރައްވައި، އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފާއި ޝުކުރު އަދާކުރައްވަމުންނެވެ.
އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ ބަހުސް މުބާރާތަކީ އެ ޖަމްޢިއްޔާއިން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އަދި އެންމެ ދިގު ތާރީޚެއް އޮތް އެއް މުބާރާތެވެ. މި މުބާރާތުގެ ސަބަބުން ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ގިނަ ޒުވާނުންތަކެއް މުޖުތަމަޢަށް ނެރެދީފައިވެއެވެ.
އެމްއެންޔޫގެ ސްޓޫޑަންޓް ޔޫނިއަންއިން ބުނީ، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ބަސް ދިރުވައި އާލާކުރުމާއެކު، ބަހުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ވާހަކަދެއްކުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން ކަމަށެވެ.