ENGLISH
23 ޖޫން 2026
އަމިއްލަ ބޯހިޔާވަހިކަމެއް ލިބިއްޖެނަމަ ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ އިސްލާހެއް
23 ޖޫން 2026
|
މާލެ. އަމިއްލަ ބޯހިޔާވަހިކަމެއް ލިބިއްޖެނަމަ ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ އިސްލާހެއް މަޖިލީހަށް ވަނީ ހުށަހެޅިފައި. ފޮޓޯ؛ ދަ ޕްރެސް.
އެންމެ މަޤްބޫލު
ރަށަކުން އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާ މީހުންނަށް ވަގުތުން ރަށްވެހިކަން އެ ރަށަކަށް ބަދަލުކުރެވޭނެގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅުއްވައިފިއެވެ.
މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.
ބިލު ހުށަހެޅި ސަބަބެއްކަމަށް މެމްބަރު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ދަށުން، ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވެނީ އެ ރަށެއްގައި މެދުކެނޑުމެއްނެތި ފަސް އަހަރު ދުވަހު ދިރިއުޅެފައިވާ މީހުންނަށް ކަމަށް އޮންނަ އޮތުން ބަދަލުކޮށް ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމެވެ. އެގޮތުން، ރަށަކުން ދިރިއުޅުމަށް އެކަށީގެންވާ ބިމެއް ނުވަތަ ތަނެއް މިލްކުވެފައިވާ މީހުންނަށް، އެ ރަށެއްގެ ރަށްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމުކޮށް، މިކަމާ ގުޅޭ ގާނޫނީ އޮނިގަނޑު މިޒަމާނުގެ އިޖުތިމާއީ އަދި އިގްތިސާދީ ހާލަތާ އެއްގޮތަށް ހަރުދަނާކުރުމަކީ އިސްލާހު ހުށަހެޅުމުގެ ބޭނުންކަމަށް މެމްބަރު ވިދާޅުވިއެވެ.
މި މާއްދާއަށް އިތުރުކުރުމަށް ހުށަހަޅާފައިވާ މާއްދާގައި ވަނީ ވަކި ރަށެއްގައި ރަށްވެހިވެފައިވާ މީހަކަށް، ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން، ކޯޓު ހުކުމަކުން، ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެހެން ރަށަކުން ބިމެއް ގެއެއް ނުވަތަ ފްލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެނޫންވެސް ތަނެއްގެ ގާނޫނީ ހައްގު ލިބިފައިވާ ނަމަ ނުވަތަ ދިރިއުޅުމަށް ރަށަކުން ބިމެއް ނުވަތަ ތަނެއް މިލްކުވެފައިވާނަމަ އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އެދި ހުށަހެޅުމުގެ އިހުތިޔާރު އެ މީހަކަށް ލިބިގެންވާކަމަށެވެ.
މިގޮތަށް އެދި ހުށަހަޅާ މީހުން އެފަދަ ހައްގެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިއެކިޔުންތައް ހުށަހެޅުމުން، އެ ބިމަކީ، ގެއަކީ، ފްލެޓަކީ، ނުވަތަ ދިރިއުޅޭ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއަށް ކަށަވަރުވުމުން އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މިގޮތަށް ރަޖިސްޓަރީ ކުރެވުމާއެކު، އެ މީހަކު ކުރިން ރަށްވެހިވެފައިވާ ރަށުގެ ރަޖިސްޓަރީއިން އުނިކުރެވޭނެކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި އެއްވެސް މީހަކަށް އެއް ވަގުތެއްގައި، އެއް ރަށަށްވުރެ ގިނަ ރަށްރަށުގައި ރަށްވެހިވެފައިވާ މީހެއްގެ ގޮތުގައި ރަޖިސްޓަރީ ނުވެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.