ENGLISH
23 ޖޫން 2026
"އެމްޑީޕީ ސަރުކާރުގައި މަސްވެރި ސިނާއަތުގެ އަމާޒެއް ނެތް"
23 ޖޫން 2026
|
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުގެ ނައިބު އައިމިނަތު ހުސެއިން ޝަރީފް އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ.
އެންމެ މަޤްބޫލު
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަސްވެރި ސިނާއަތް ކުރިއެރުވުމަށް ވަކި އަމާޒެއް ކަނޑައަޅާފައިނެތްކަމަށާއި މި ސިނާއަތުގެ ކޮންމެ ކަމެއްް އެ ވެރިކަމުގައިި ސިޔާސީ ކުރީކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މަސްވެރި ސިނާއަތް ތަރައްގީކޮށް ކުރިއަރުވަން މުސްތަގުބަލަށް ވިސްނައިގެން ދެމެހެއްޓެނިވި އަމާޒަކަށް ވާސިލުވާން މަސައްކަތްކޮށްފައިނުވާކަމަށެވެ. އެ ސަރުކާރުން ކޮންމެ ކަމެއް ކޮށްފައިވާނީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށްކަމަށް ވިދާޅުވިއެވެ.
"ތަނެއްގައި ފެކްޓްރީއެއް އަޅަން ނިންމާއިރު ނުބަލާ އެތަނުގައި މަސައްކަތް ކުރާނެ ފެންވަރުގެ މީހުން ތިބިކަމެއް، ނޫނީ އެ އަދަދަށް މީހުން ތިބި ކަމެއް، މަސްވެރިކަން ރަނގަޅު ހިސާބުތަކުގައި ފޯރުކޮށްދެން ޖެހޭ ހިދުމަތްތައް ފޯރުކޮށްދެވޭތޯ ނުބަލާ، މިސާލަކަށް މަސް ރައްކާކުރެވޭނެ އިންތިޒާމުތައް ފަދަ ކަންކަން، މި ސަރުކާރުން ވަރަށް ގިނަ ރޭވުންތައް ރާވައިގެން މަސްވެރިކަން ކުރިއެރުވުމަށް ޕްލޭންތަކެއް ހެދިގެން މި މަސައްކަތް ކުރެވެނީ،". ކުރީ ސަރުކާރުން މަސްވެރި ސިނާއަތަށްވެފައިވާ އިހުމާލުގެ ވާހަކަ ފާހަގަކުރައްވަމުން އާމިނަތު ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރުން މަސްވެރިން ބޭނުންކުރީ ސިޔާސީ މަންފާ ހާސިލުކުރުމަށް
ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހުމަދު ސަމީރު ވެސް ވަނީ ނިމިދިޔަ ސަރުކާރުން މަސްވެރި ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ގެންގުޅުނު ދޯހަޅި ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވައިފައެވެ.
އެމްޑީޕީ ސަރުކާރުގެ އަމަލާއި ބަސް ދިމާނުވާކަމަށް ވިދާޅުވެ ސަމީރު ވިދާޅުވީ އެ ސަރުކާރުގައި މަސްވެރިން ބޭނުންކުރީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށްކަމަށެވެ.
"މުޒާހަރާތަކަށް މަސްވެރިން ނެރުމާއި، ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއެޅުމަށް މަސްވެރިން ނެރުމާ، މިކަހަލަ ކަންކަން ކުރުމަށް މަސްވެރިންގެ ބޭނުން ހިފީ، ހަގީގަތުގައި މަސްވެރި ސިނާއަތަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ސިނާއަތް ކުރިއެރުން އަންނަންވީ ސިނާއަތް، އެކަމަކު މި ސަރުކާރާ ހަމައަށް އައި އިރުވެސް ކުރިއެރުން ނައިސް އޮތީ،". ސަމީރު ވިދާޅުވިއެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދެމެދު، އޭރު އޮތް އެމްޑީޕީ ސަރުކާރުން މަހުގެ އަގު 25 ރުފިޔާއަށް ކުއްލިއަކަށް ބޮޑުކުރި ބޮޑުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ އިހުލާސްތެރިކަމެއް ހުރިނަމަ މަހުގެ އަގަށް ބަދަލު ގެންނާނީ ވެރިކަމުގެ ކުރީކޮޅުގައިކަމަށެވެ. އެމްޑީޕީގެ ދެކޮޅު ނުޖެހޭ ސިޔާސަތުގެ ސަބަބުން އެ ސަރުކާރު ނިމުނު އިރު އައު ސަރުކާރުގެ ބޮލުގައި މަސްވެރިންނަށް ދޭންޖެހޭ 280 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ވިދާޅުވިއެވެ. އެކަން ހައްލުކޮށް މިހާރު ބާނާ މަހަށް 24 ގަޑިއިރުގެ ތެރޭ ފައިސާ ދޫކުރަމުންދާކަމަށް ވިދާޅުވިއެވެ.
މަސްވެރި ސިނާއަތުގެ ދެމެހެއްޓެވިނިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފެހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން މަސްވެރިން އަތުން މަސް ކިލޯއެއް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި މަސްވެރިން ބޭނުންކުރާ ތެޔޮ ސަބްސިޑީ ރޭޓުގައި ދަނީ ފޯރުކޮށްދެމުންނެވެ.