ENGLISH

23 ޖޫން 2026

Advertisement

އުރުދުން ބަލިކޮށް، އަލްޖީރިއާއަށް އުއްމީދެއް

23 ޖޫން 2026

|

މުޙައްމަދު އަދުހަމް

އުރުދުން ކޮޅަށް ލަނޑުޖެހުމަށްފަހު އަލްޖީރިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖޭ ގައި ކުޅުނު މެޗުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ފަހަތުންއަރައި އުރުދުން 2-1 އިން ބަލިކޮށް، އަލްޖީރިއާ އެ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.

މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން މި މުބާރާތުގައި އަލްޖީރިއާގެ ފުރަތަމަ މޮޅެވެ.

މި ނަތީޖާއާއެކު އަލްޖީރިއާ ވަނީ މުބާރާތުގެ ގްރޫޕް ޖޭ ގެ ތިންވަނަ މަގާމަށް ޖެހިލައިފަ އެވެ. މި ގްރޫޕުގެ އެއްވަނަ މަގާމުގައި އޮތް އާޖެންޓީނާ ވަނީ ދެ މެޗުން ހޯދީ ހަ ޕޮއިންޓާއެކު ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދައިފައެވެ. ދެވަނައިގައި އުޅޭ އޮސްޓްރިއާ އާއި ތިނެއްގައި އޮތް އަލްޖީރިއާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޕޮއިންޓެއްނުލިބި ފުލުގައި އޮތް އުރުދުން ވަނީ މުބާރާތުން ކަޓައިފަ އެވެ.

އަލްޖީރިއާ އިން މި މެޗަށް ނިކުތީ އެންމެ ފަހުން އާޖެންޓީނާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނުނު އެ ޓީމުގެ ލެޖެންޑް، ރިޔާދް މާރޭޒް އަށް މި މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ކައުންޓާއެޓޭކުތަކުގަ އާއި ސެޓްޕީސްތަކުގައި ވެސް އޭނާގެ މުހިއްމުކަން ބޮޑުވި އެވެ.

އަލްޖީރިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އުރުދުންގެ އަލް ރަޝްދާން އުފާ ފާޅުކުރަނީ. ފޮޓޯ: ފީފާ.ކޮމް

އެމެރިކާގެ ސެން ފްރާންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން އަލްޖީރިއާ އިން ރަނގަޅަށް ކުޅުނު ނަމަވެސް، ކުރީން ލީޑު ނެގީ ޖަމާލް ސެލާމީގެ އިރުޝާދުގެ ކުޅެމުން އަންނަ އުރުދުން ޓީމުންނެވެ. 

މެޗުގެ 36 ވަނަ މިނެޓުގައި އުރުދުން އަށް މި ލަނޑުޖަހައިދިނީ ނިޒާރް އަލް ރަޝްދާން އެވެ. މިއީ އަލްޖީރިއާގެ ޑިފެންސްތެރެއިން ހެދުނު ގޯހެއްގެ ފައިދާނަގައި، އުރުދުންގެ މޫސާ އަލް ތަމާރީ ފޮނުވާލި ބޯޅައެއް އެ ޓީމުގެ އަލް ރަޝްދާން އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. 

ފުރަތަމަ ހާފުގައި އަލްޖީރިއާގެ އެޓޭކުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، މާރޭޒް އަށް ރަނގަޅު ދެ ފުރުސަތެއްލިބި ވަނީ ބޭކާރުވެފައެވެ. އޭގެތެރެއިން ފުރަތަމަ ބޯޅަ އޭނާ އަށް ރަނގަޅަށް ކޮންޓްރޯލް ކުރެވޭ ގޮތްނުވިއިރު، ފަހުން ފޮނުވާލި ބޯޅަ އުރުދުންގެ ކީޕަރު، ޔަޒީދު އަބޫ ލައިލާ މަތަކުރިއެވެ.

އަލްޖީރިއާ އިން ދެވަނަ ފެށީ ބަދަލުތަކާއެކު އެވެ. އެގޮތުން، ކޯޗު ވްލަޑިމިރް ޕެޓްކޮވިޗް ވަނީ، ނަބީލް ބެންތަލެބް އާއި ނާދިރް ބެންބުއާލީ ކުޅެން ނެރެފަ އެވެ. 

އަލްޖީރިއާ އާ އުރުދުން ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

މެޗުގައި އަލްޖީރިއާ އިން އެއްވަރުކުރި ލަނޑު، 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެންބުއާލީ އެވެ. މިއީ މާރޭޒް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުން އަލްޖީރިއާ މޮޅުވި ލަނޑު، 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ކޯނަރެއްގެ އެހީގައެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އަމީން ގުއީރީ އެވެ.

މުބާރާތުގައި އަލްޖީރިއާ ދެން ކުޅޭ މެޗުގައި އޮސްޓްރިއާ އާ ދެކޮޅަށް ނިކުންނައިރު، ހަމަ އެ ދުވަހު އުރުދުން ނިކުންނާނީ އާޖެންޓިނާ އާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު