ENGLISH

22 ޖޫން 2026

Advertisement

އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް: މިހާތަނަށް 279 މީހުން ބައިވެރިވެއްޖެ

22 ޖޫން 2026

|

އައިމިނަތު ޝަފާ

މިދިޔަ އަހަރު ބޭއްވި ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 279 އެޕްލިކޭޝަން ލިބިފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން -- ބީސީީސީން ބުނެފި އެވެ.

އެމްއެމްޓީވީއަށް މައުލޫމާތުދެމުން ބީސީސީން ބުނީ މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިވެފައިވަނީ 240 މީހުން ކަމަށެވެ. ނަމަވެސް މިއަހަރުގެ މައުރަޒުގައި މިހާތަނަށް 279 މީހުން ބައިވެރިވެފައިވާކަމަށް ބީސީސީން ބުންޏެވެ.

މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު 31 އޮގަސްޓުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ.

މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެ އެވެ. މިއަހަރުގެ މައުރަޒުގައި އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެ އެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ތައުލީމުދޭ މަރުކަޒުތަކާއި، ރަށް ނުވަތަ ސިޓީ ކައުންސިލްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.

އުފެދުންތެރިކަމުގެ މައުރަޒު ބާއްވަނީ، އިގްތިސާދީ ތަރައްގީއާ ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމުގެމަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ނެވެ.

މޯލްޑިވްސް އެކްސްޕޯ 2026 ގައި ބައިވެރިވުމަށްއެދި ހުށަހެޅުމުގެ ފުރުޞަޠު https://www.expo.mv ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފަ އެވެ. އަދި މަޢުރަޒުގައި ތަކެތި ބައިވެރި ކުރުމުގެ އުޞޫލުވެސް މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ. 

ފާއިތުވި 2025 އަހަރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެފަދަ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބޭއްވޭ މައުރަޒެކެވެ.

ތަފާތު ގިނަ ހަރަކާތްތަކަކާއެކު ފަސް ޑިސްޓްރިކްޓަކަށް ބަހާލައިގެން 2025 ވަނަ އަހަރުވެސް ކުރިއަށް ގެންދެވުނު މައުރަޒުގައި ރާއްޖޭގެ އުފެއްދުންތެރިންނާއި ރާއްޖެއިން ބޭރުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވިއެވެ.

ދިގުމުއްތަކަށްފަހު އުފެއްދުންތެރިކަމުގެ މަޢުރަޒު ބާއްވާނޭކަން އިއުލާނުކުރީ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު ވިދާޅުވިގޮތަށް މިދިޔަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަށް އާދަޔާހިލާފު ތަރުހީބެއް ލިބުނެވެ. 

ކިޔުންތެރިންގެ ހިޔާލު