ENGLISH
22 ޖޫން 2026
ކުރީގެ ވަޒީރު މުޢިއްޒު ބައްޕައިންގެ ދުވަހު ހިއްސާކުރެއްވީ ބައްޕާފުޅު ޅެންބަހުން ދެއްވި ނަސޭހަތުގެ މުތީތަކެއް
22 ޖޫން 2026
|
ކުރީގެ ޖަސްޓިސް މިނިސްޓަރު މުޙައްމަދު މުޢިއްޒު އަދުނާން އޭނާގެ ބައްޕަ އަލްއުސްތާޛު އަދުނާން ހުސައިން
އެންމެ މަޤްބޫލު
އިއްޔެ އަކީ ބައިނަލްއަޤްވާމީ ބައްޕައިންގެ ދުވަހެވެ. އެހެން ކަމުން މުޅި މީސްމީޑިއާގައި އޮތީ ދުވަހާއި ގުޅޭގޮތުން އެކި ފަރާތްތަކުން ހިއްސާކޮށްފައިވާ ޝުޢޫރުތަކެވެ. ބައްޕައިންގެ ޒިކުރާ އައު ކުރުމެވެ. ބައްޕައިންނަށް ޝުކުރުވެރިވުމުގެ ހެޔޮ ބަސްތަކެވެ.
އެފަދަ އެތައް ހާސް ޕޯސްޓެއްގެ ތެރެއިން ކުރީގެ ޖަސްޓިސް މިނިސްޓަރު މުޙައްމަދު މުޢިއްޒު އަދުނާން ހިއްސާކުރެއްވި ޕޯސްޓަށް ގިނަ ބައެއްގެ ޝައުޤުވެރިކަން ހުއްޓުނެވެ. ކުރީގެ މިނިސްޓަރު މުޢިއްޒު އަދުނާން ހިއްސާކުރެއްވީ އެމަނިކުފާނު ކިޔަވާ ވިދާޅުވާން ލަންކާގައި ހުންނެވި ދުވަސްވަރު ލޮބުވެތި ބައްޕާފުޅު އަލްއުސްތާޛު އަދުނާން ހުސައިން ފޮނުއްވެވި ސިޓީއެއްގައި ހިމަނުއްވާފައިވާ ޅެން ބައިތުތަކެކެވެ.
މިއީ ޢިބްރަތުން ފުރިގެންވާ ނަސޭހަތުގެ ޅެމެކެވެ. ނުވަތަ ޅެން ބައިތުތަކެކެވެ. ކުރީގެ މިނިސްޓަރު މުޢިއްޒު އަދުނާން ވިދާޅުވި ގޮތުގައި ބައްޕާފުޅު ހައްދަވާފައި ފޮނުއްވެވީ ހެއްވާ އެހެނަސް ނަސޭހަތުގެ ޅެމެވެ. މި ޅެންބައިތުތަކުގެ ތެރެއިން މުޢިއްޒަށް އެންމެ ތަފާތު އަދި ޚާއްސަވި އެއް ބައިތަކީ މިއީ އެވެ.
މުޢިއްޒު ވިދާޅުވި ގޮތުގައި އެ ބައިތުގައި މަތިމަހުގެ ވާހަކަ ލިޔުއްވާފައިވަނީ އޭރު މަތިމަސް ދިގުކޮށްފައި ހުރުމުންނެވެ.
ޅެމުގެ ފުރަތަމަ ބައިތުގައި ކިޔަވަން ހިތްވަރު ދެއްވާފައިވެ އެވެ. އަދި ދެބައިންގެ ސިޓީތައް ބަދަލުކުރުން އިތުރު ކުރުމަށް ބާރު އަޅުއްވާފައިވެ އެވެ.
މީގެ އިތުރުން ދެން ދެއްވާފައި ވަނީ ޤައުމުން ބޭރުގައި ހުންނެވުން ބައްޕައަކު ދެއްވާނެ ވަރަށް މުހިންމު ނަސޭހަތެކެވެ. އެއީ ބޭކާރު ވިޔާނުދާ ޚަރަދުތައް މަދުކުރުމެވެ. އެފަދަ ޚަރަދުތައް ބޮޑުވެ ގިނަ ނުކުރުމަށެވެ.
ދެން އޮތް ބައިތުތަކުގައިވެސް ވަނީ އެކިއެކި ނަސޭހަތްތަކެވެ. ލަންކާގެ އެންމެ ރީތި ސަރަޙައްދުތައް ކަމުގައިވާ ގޯލާއި ޖަފްނާއާ ދެމެދު ރޭލާއި މޮޓަރު ދުއްވި ކަމުގައި ވިޔަސް ކިޔަވަން ވަޑައިގެން ހުންނެވި ޔުނިވާސިޓީން އުފާ ހާސިލުކުރުމަށް އެދިވަޑައިގެންފައިވެ އެވެ.
އަދި ފިލާވަޅުތައް ދަސްކުރެއްވުމާއި ޢިލްމާއި ޚިލްމު ހޯއްދެވުމުގައި ކުރިއަށް ވަޑައިގަތުމާއި ހެޔޮ ޢަމަލުތައް ގިނަ ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ލަންކާގެ ހިތްގައިމު ރީތި މަންޒަރުތަކުން އުފާ ހޯއްދެވުމަށް އެދިވަޑައިގަތެވެ.
މުޢިއްޒު ހިއްސާކުރެއްވި ޅެމުގެ ފަހު ބައިތުގައި ވަނީ ކިޔަވާ ފިލާވަޅު ދަސްކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ޢިލްމު އުނގެނިވަޑައިގެން ހުންނެވި ބޭފުޅެކޭ ވިދާޅުވެވޭ މިންވަރަށް ޢިލްމު ހާސިލުކުރެއްވުމަށް ހިއްމަތާއެކު މަސައްކަތް ކުރެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.
ބައްޕަގެ މި ރީތި އަދި އެހާމެ އިބްރަތްތެރި ޅެންބައިތުތައް ހިއްސާ ކުރައްވަމުން މުޢިއްޒު ވިދާޅުވީ ޅެންވެރި ޢާއިލާއަކަށް ނިސްބަތްވިޔަސް ބައްޕައަކީ ޅެންވެރިއެެއް ނޫން ކަމަށެވެ.
އަލްއުސްތާޛު އަދުނާން ހުސައިން އަކީ އަލްއަމީރު މުޙައްމަދު ފަރީދުގެ ޕްރައިވެޓް ސެކްރެޓަރީގެ މަޤާމާއި އެޑިއުކޭޝަން މިނިސްޓަރު ކަމާއި ޓްރޭޑް މިނިސްޓަރު ކުރައްވާފައިވާ ދަޢުލަތުގެ ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ.
އެމަނިކުފާނުގެ ބައްޕައަކީ ދިވެހި އަދަބިއްޔާތުގައި އެންމެ ފާހަގަކޮށްލެވޭ "ފަތިހުގެ ތަރީ" ގެ ލަޤަބުން މުޚާތަބު ކުރެވޭ ފަޟީލަތުއްޝައިޚް ހުސައިން ސޮލާޙުއްދީން އެވެ. މިހާތަނަށް ދިވެހި ބަހުން ލިޔެފައިވާ އެންމެ މޮޅު ފޮތް "ކީރިތި ރަސޫލާގެ ސިޔަރަތު" ލިޔުއްވާފައިވަނީ ހުސައިން ސޮލާޙުއްދީނެވެ. އަދި ރާއްޖެ ދުށް އެންމެ މޮޅު ވާހަކަދެއްކުންތެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި އެހާމެ ކުޅަދާނަ ޝާޢިރު އަލްއުސްތާޛު އިބްރާހިމް ޝިޙާބުގެ ކޮއްކޮ އެވެ. ޅެންވެރި އާއިލާއެއް ކަމަށް ވިދާޅުވެފައި ވަނީ އެސަބަބުތައް އޮތުމުންނެވެ.