ENGLISH

22 ޖޫން 2026

Advertisement

ހަޖަމުކުރުމުގައި ދަތިވާ އިދިކޮޅު ވެރީންނަށް ވަޒީރު ސަޢީދު: ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުޢިއްޒު

22 ޖޫން 2026

|

އަޙުމަދު ޙަމީދު

މިނިސްޓަރު ސަޢީދަށް ފަތްކޮޅު އެރުވުން --

ޕީއެންސީގެ މެމްބަރުންނާއި ލީޑަރޝިޕާއި ޕާލިމަންޓަރީ ގުރޫޕާއި ޕާޓީގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންގެ ވެސް އޮތީ އެއް ވިސްނުމެއް ކަމަށް އިޤްތިސާދީ ތަރައްޤީއާ ދަތުރުފަތުރާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ވާދަވެރީން ޕީއެންސީއަށް އަމާޒުކޮށް ދައްކާ އަސާސެއް ނެތް ދޮގު ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި ޕޯސްޓެއްގަ އެވެ. 

ވަޒީރު ސަޢީދު ވިދާޅުވީ ޕީއެންސީގެ މެމްބަރުންނާއި ލީޑަރޝިޕާއި ޕާލިމަންޓަރީ ގުރޫޕާއި ޕާޓީގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންގެ ވެސް އޮތީ އެއް ވިސްނުމެއް ކަމަށެވެ. އެއީ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމާއި، އެމަނިކުފާނުގެ ފަހަތްޕުޅުގައި ދިވެހިރާއްޖެއަށް ހަމަޖެހުން، ތަރައްޤީ އަދި ކުރިއެރުން ގެނައުމަށް ކުރައްވާ މިތްނެތް މަސައްކަތްޕުޅުގައި ބައިވެރިވުމާއި، އެ އަމާޒުތައް ޙާޞިލްކުރުމުގައި އެވަގުތެއްގައި ހަވާލުކުރެެއްވި ކޮންމެ މަސައްކަތެއް ކާމިޔާބުކަމާއެކު ކޮށް ނަތީޖާނެރުން ކަމުގައި ވިދާޅުވި އެވެ.

މިކަންކަން ހަޖަމުކުރުމުގައި ދަތިފުޅުވާ އިދިކޮޅު ބައެއް ފަރާތްތަކަށް މެސެޖެއް ދެއްވަމުން ވަޒީރު ވިދާޅުވީ ޕީއެންސީގެ 2028 ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.

ޕާޓީގެ އެތެރޭގެ އިންތިޚާބަކުން އެކަމަކަށް ބަދަލެއް ނާންނަ ކަމަށާ އަދި ރައީސް މުޢިއްޒުގެ ލީޑަރޝިޕުގައި ޕާޓީބޮޑުވެ އިތުރަށް ވަނީ ވަރުގަދަވެ، މުހިންމު ކުރިއެރުންތަކެއް ހޯދާފައި ކަމަށް ވަޒީރު ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަށް ވެއްޖެ. ކުރު މުއްދަތަކުން އެންމެ ގިނަ އިންތިޚާބު ކާމިޔާބުކުރި ޕާޓީއަށް ވެއްޖެ. މަޖިލީހުގެ އެންމެ ބޮޑު ސުޕަމެޖޯރިޓީ ހޯދި ޕާޓީއަށް ވެއްޖެ. އެންމެ ގިނަ ދަރަނި ދައްކައިދީ، އެންމެ ގިނަ ބިން ހިއްކައިދީ، އެއްފަހަރާ އެންމެ ގިނަ މަޝްރޫޢު މުޅި ރާއްޖޭގައި ހިންގައިދޭ ޕާޓީއަށް ވެސް އެންމެ ދެ އަހަރާއި ހަ މަހުން ވެއްޖެ. ރައީސް ޑރ މުޢިއްޒުގެ ޤާބިލް ލީޑަރޝިޕް މިވަރުން ޔަގީން ކަށަވަރު," ވަޒީރު ވިދާޅުވި އެވެ.

ރާއްޖެއަށް މިވަގުތު ވެސް އޮތް ސިޔާސީ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު އިދިކޮޅު ޕާޓީއެއް ނެތުން ކަމަށެވެ. އެއީ، އިދިކޮޅު ލީޑަރުންގެ ތެރޭގައި މިހާރު އުފެދިފައިވާ ޑިމޮކްރެޓްސް އާއި އެމްޑީޕީއާ ޕީއެންއެފް ކޯލިޝަން ގައި ވެރިއެއް ނުފެންނަ ކަމުގައި ވިދާޅުވި އެވެ.

"ޗޮކުންދާތީ ފެންނަނީ. ތިޔަތަނުގައި އޮތީ ނަފްރަތާއި ކެހިވެރިކަން," ވަޒީރު ސަޢީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު