ENGLISH

22 ޖޫން 2026

Advertisement

އިސްކަންދަރު ކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަނީ

22 ޖޫން 2026

|

އާމިނަތު ނުޒްލާ

ޝަހީދު ހުސައިން އާދަމް ބިލްޑިންގް-- ފޮޓޯ: ޕީއެސްއެމް

އިސްކަންދަރު ކޮށީގައި 15 ފަންގިފިލާގެ އޮފީސް އިމާރާތެއް، ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ، މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުން ކަމަށެވެ. އެގޮތުން މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އިމާރާތް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ މިކްސްޑްޔޫސްޑް އިމާރާތެއްގެ ގޮތުގައެވެ.

ފުލުހުންގެ އިދާރާއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި އިމާރާތުގައި ހަ ލިފްޓް ބަހައްޓަން ޖެހޭއިރު، ބޭސްމަންޓްގައި ހަތަރުފުރޮޅުލީ 28 އުޅަނދާއި 85 ސައިކަލް ޕާކްކުރެވޭނެ ޖާގަ ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި މީގެ އިތުރުން އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހަތަރު ފުރޮޅުލީ 17 އުޅަނދާއި ދެވަނަ ފަންގިފިލާގައި 261 ސައިކަލް ޕާކް ކުރުމަށް ޖާގަވެސް ހަމަޖައްސަން ޖެހެއެވެ.

އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، މި އިމާރާތުގެ ތިން ވަނަ ފަންގިފިލާ ޚާއްސަ ކުރުމަށް ހަމަޖެހިފައިވަނީ ސިއްޙީ ޚިދުމަތް ދިނުމަށެވެ. އަދި ހަތަރުވަނަ ފަންގިފިލާއިން ފެށިގެން 10 ވަނަ ފަންގިފިލާ އޮފީސް ބައިތަކަށް ޚާއްސަކުރަން ޖެހެއެވެ. އެގާރަ ވަނަ ފަންގިފިލާއިން ފެށިގެން 13 ވަނަ ފަންގިފިލާ ޚާއްސަކުރަނީ އެކަމަޑޭޝަންއަށެވެ. އެގޮތުން 80އާއި 100 ދެމެދުގެ އެނދު ހިމެނޭހެން އެ ފަންގިފިލާތައް ތަރައްޤީކުރަންޖެހެއެވެ. މި ފަންގިފިލާތަކުން އަންހެނުންނަށް ޚާއްސަ ރޫމްތަކާއި ބޭރުން އަންނަ މީހުން ތިބުމަށް ވަކި ރޫމްތަކެއް ކަނޑައަޅަން ޖެހެއެވެ.

މި އިމާރާތުގެ އެންމެ މަތީ ދެ ފަންގިފިލާ ޚާއްސަ ކުރަނީ އެކިކަހަލަ ތަމްރީން ޕްރޮގްރާމްތައް ގެންދިޔުމަށެވެ. އެގޮތުން ހަ ކްލާސްރޫމްއާއި ލައިބްރަރީއާއި ކޮންޕަރެންސް ރޫމްގެ އިތުރުން މަލްޓިޕާޕަސް ހޯލްއާއި ޓްރެއިނިންގ ހޯލް މި އިމާރާތުގައި ހިމެނަންޖެހޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އިސްކަންދަރު ކޮށީގައި 15 ބުރީ އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ، އެ ބިމުގައި މިހާރު ހުރި އިމާރާތް ތަޅާލުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު