ENGLISH
22 ޖޫން 2026
ބޮޑު ލުޔެއް: އިތުރު ފީއެއް ނުދައްކައި ޕޭޕަލްއިން އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ
22 ޖޫން 2026
|
އެންމެ މަޤްބޫލު
ޕޭޕަލްއިން އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ޖަމާކުރުމުގައި އިތުރު ފީ އެއް ނުނަގާނެކަމަށް އުރީދޫއިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ތައާރަފުކުރީ މި ހިނގާ ޖޫންމަހުގެ 15 ވަނަ ދުވަހުއެވެ. އުރީދޫ ފިންޓެކް މެދުވެރިކޮށް ފޯރުކޮށްދޭ މި ހިދުމަތް މެދުވެރިކޮށް، އެމް-ފައިސާ އެކައުންޓްތަކާއި ޕޭޕަލް އެކައުންޓްތައް ގުޅުވާލައިގެން ބައިނަލްއަގުވާމީ އެކި ހިދުމަތްތަކަށް ފައިސާ ބަލައިގަނެވޭނެއެވެ.
މި ހިދުމަތް ތައާރަފުކުރުމާއެކު، ބައެއް އާންމުންގެ ފަރާތުން ކަންބޮޑުވުންތަކާއި ޝަކުވާތައް ވަނީ ފެންމަތިވެފައެވެ. ހާއްސަކޮށް ފީ ނަގާ މިންވަރާއި ވިޔަފާރިތަކަށް މި ހިދުމަތް ބޭނުންކުރެވޭނެ ހުދޫދާމެދު ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގެ މަންސަތަކުގައި ސުވާލު އުފައްދަމުންނެވެ.
މިކަމާ ގުޅިގެން އުރީދޫއިން ބުނީ ޕޭޕަލްގެ މުއާމަލާތްތަކުން ޕޭޕަލް ކުންފުނިން ދެ އިންސައްތައިގެ ޗާޖެއްގެ އިތުރުން 1.5 ޑޮލަރުގެ ފިކްސްޑް ފީއެއް ނަގާނެކަމަށެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޕޭޕަލްއިން އަމަލުކުރަމުން އަންނަ އުސޫލެވެ. ނަމަވެސް، މި ވަގުތު، އުރީދޫން އެއްވެސް ފީއެއް ނުނަގާނެ ކަމުގެ ޔަގީންކަން ކުންފުނިން ދެއެވެ. މާނައަކީ، އެމްފައިސާ މެދުވެރިކޮށް ފައިސާ ޖަމާކުރުމުގައި އިތުރު މާލީ ބުރައެއް ކަސްޓަމަރުން އުފުލަން ނުޖެހޭނެ ކަމެވެ. މިއީ ހިދުމަތް ފަށައިގަންނަ އިރު، ކަސްޓަމަރުންނަށް ދެވޭ ވަރަށް ބޮޑު ލުޔެކެވެ.
އާންމުންގެ މެދުގައި އެންމެ ބޮޑަށް އޮޅުންއަރާފައިވާ އަނެއް ކަމަކީ މިއީ ފުރިހަމަ "މާޗަންޓް ސާވިސް" އެއް ކަމަށް ހީކުރެވުމެވެ. ބައެއް ވިޔަފާރިވެރިން އުންމީދުކުރީ މި ހިދުމަތާއެކު ރާއްޖޭގެ އީކޮމާސް ވެބްސައިޓުތަކަށް ސީދާ ޕޭޕަލް ގުޅާލެވޭނެ ކަމަށެވެ. ނަމަވެސް އުރީދޫއިން ބުނީ ބައެއް ވިޔަފާރިތައް ފަދަ އީކޮމާސް ޕްލެޓްފޯމެއްގައި ވިޔަފާރި ފިހާރައެއް ހުޅުވައިގެން ޕޭޕަލް ބިޒްނަސް އެކައުންޓަށް ފައިސާ ލިބޭނެ ގޮތަކަށް މި ހިދުމަތް އަދި ފަރުމާކުރެވިފައި ނުވާކަމަށެވެ. އަދި ޕޭޕަލް ބިޒްނަސް ވޮލެޓެއް އެމްފައިސާއާ ގުޅުވުމަކީވެސް މި ވަގުތު ކުރެވޭނެ ކަމެއް ނޫންކަން އެ ކުންފުނިން ފާހަގަކުރިއެވެ. އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން މި ވަގުތު މާޗަންޓް ހިދުމަތްތައް ފޯރުކޮށްނުދެއެވެ. އޭގެ ބަދަލުގައި މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދިވެހި ކަސްޓަމަރުންނަށް ބައިނަލްއަގުވާމީ ޕޭމަންޓުތައް ރާއްޖޭގެ ޕޭޕަލް ވޮލެޓަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިއީ ބޮޑެތި ކުންފުނިތަކަށްވުރެ ބޮޑަށް، އަމިއްލަ ފަރުދުންނާއި ކުދި ވިޔަފާރިތަކަށް، އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ނިޒާމެކެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެމެރިކާއަށް ކުރި ދަތުރުތަކާއި ޕޭޕަލްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ނަތީޖާއެއްގެ ގޮތުން މި ހިދުމަތް ހަގީގަތަކަށް ވެގެން ދިޔައީ މަނީ ލޯންޑަރިންއާ ދެކޮޅަށް، އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައްވެސް ފުރިހަމަކުރުމަށްފަހުގައިކަން އުރީދޫއިން ފާހަގަކުރެއެވެ.
މި ހިދުމަތަކީ، 2040 ވަނަ އަހަރު އަންނަން ވާއިރަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ، ފުދުންތެރި، އަދި ޖީ.ޑީ.ޕީގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިގްތިސާދުގެ މައްޗަށް ބަރޯސާވާ ގައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުން އެކުލަވާލާފައިވާ މަގުޗާޓުގެ ތަނަވަސް ބްލޫޕްރިންޓުގައި ހިމެނޭ އެއް މަސައްކަތެވެ.