ENGLISH
22 ޖޫން 2026
މި ހަފްތާތެރޭ 1000 ހައުސިން ޔުނިޓް އަޅަން ހަވާލުކުރަނީ
22 ޖޫން 2026
|
ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތައް. ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މި ހަފްތާތެރޭގައި 1000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަސް ކުންފުންޏަކާއި ހަވާލުކުރުމަށް ނިންމައިފިއެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާގެ ނައިބު އަހުމަދު ނާޒިމް މުހައްމަދު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި ހަފުތާގެ ތެރޭގައި 1000 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކުރަނީ 100 އިންސައްތަ ދިވެހި ކުންފުނިތަކަކާއި ކަމަށެވެ.
މި ފްލެޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައެވެ.
މި މަޝްރޫއުގެ ދަށުން ފަސް ކުންފުންޏަކާއި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ކުންފުންޏަކާއި ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ 200 ހައުސިން ޔުނިޓްގެ މަސައްކަތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން ކޮންމެ ކުންފުންޏަކާއި 60 ޔުނިޓުގެ ދެ ކޮޓަރީގެ އެޕާޓްމަންޓްއާއި، 140 ޔުނިޓްގެ ތިން ކޮޓަރީގެ އެޕާޓްމަންޓް ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ޖާގައިގެ ކުޑަކަމެވެ. އެހެންނަމަވެސް ނާޒިމް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ޔުނިޓްތަކަކީ، މިހާތަނަށް ރާއްޖޭގައި ސޯޝަލް ހައުސިންއަށް ތަރައްޤީކޮށްފައިވާ އެންމެ ޖާގަ ތަނަވަސް އެޕާޓްމަންޓްތަކަށް ވެގެން ދާނެކަމަށެވެ.
ނާޒިމް އިތުރަށް ފާހަގަކުރެއްވީ، ދެ ކޮޓަރީގެ އެޕާޓްމަންޓުގައި 700 އަކަފޫޓް ހުންނައިރު، ތިން ކޮޓަރީގެ އެޕާޓްމަންޓްތައް 950 އަކަފޫޓްއަށްވުރެ ބޮޑުވާނެ ކަމެވެ.
ބޯހިޔާވަހިކަން ކަށަވަރުކޮށްދީ ގެދޮރުގެ ދަތިކަމަށް އޮތް ގޮންޖެހުން ފިލުވާލުމަކީ ރައީސް މުޢިއްޒުގެ އެންމެ ބޮޑު އަމާޒެވެ. އެގޮތުން އެ ވައުދު ފުށްދުމަށް މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްރަށުގައި އަންނަނީ ގިނަ މަޝްރޫތަކެއް ހިންގަމުންނެވެ.
އެގޮތުން ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅި ބައިލައްކައަށްވުރެ ގިނަ އެޕްލިކޭޝަންގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރުވަނީ ފަށާފައެވެ.