ENGLISH

18 ޖޫން 2026

Advertisement

ޙައްޤުތައް ހިމާޔަތްކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލައްވައިފި

18 ޖޫން 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް

ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި، ޙައްޤުތައް ހިމާޔަތްކޮށް، ދައުލަތްތަކުގެ ހިންގުމުގެ ނިޒާމުގެ ހުރިހާ ފެންވަރެއްގައިވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފި އެވެ.

ނާއިބު ރައީސް މި ފަދައިން ގޮވާލައްވާފައިވަނީ، ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބޭއްވި ހައި-ލެވެލް ޕެނަލް 1 ގައި، "ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި ޙައްޤުތައް ހިމާޔަތްކުރުން" މި މައުޟޫޢަށް ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ރާއްޖޭގެ ޤުދުރަތީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ކަށަވަރުކުރަން އޮންނަ ޤާބިލިއްޔަތާއި، ޘަޤާފަތާއި، ޝަޚުޞާއި، ގުޅުންތައް ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ވިދާޅުވި އެވެ. އަދި ޤައުމީ ދުރުރާސްތާ އަހުމިއްޔަތުތައް ކަނޑައަޅައި، ބިނާރާއި ތަރައްޤީ ރާވަން ޖެހެނީވެސް، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމަށް ރިއާޔަތްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޤައުމީ ސިޔާދަތާއި އިސްތިޤުލާލުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ތަރައްޤީވަމުން އަންނަ އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކެކޭ އެއްގޮތަށް، ޤައުމީ ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމުގެ މުހިންމު ކަމާމެދު ދިވެހިރާއްޖެއިންވެސް ވަކާލާތުކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ. ބައިނަލްއަޤުވާމީ ޤާނޫނު ބިނާކޮށްފައިވަނީ، ހަމަޖެހުމާއި، ޢަދާލަތާއި، ހަމަހަމަކަމާއި، ދައުލަތްތަކުގެ މެދުގައިވާ އިސްތިޤުލާލީ އެއްހަމަކަމުގެ މަތީގައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު ހިމެނޭހެން، ދިވެހި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރެވެން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ އިސް އަހުމިއްޔަތަކަށް ވާންވާނީ، މުޖުތަމަޢުތައް ރައްކާތެރިކޮށް، އެ ބަޔަކު އުޅެން އިޚުތިޔާރުކުރާ ތަނެއްގައި ކަރާމާތްތެރިކަމާއެކު ދެމިތިބުމުގެ ޙައްޤު ކަށަވަރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މިކަން ފުރިހަމަކޮށްދެވޭނީ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި ބިނާރާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ރޭވުންތެރިކަން ހިމެނޭނޭ ފަދައިން، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމަށް ވުނަކުރުން މަތީ ދެމިތިބެގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އަހުލުވެރިވުމަކީ ހަމައެކަނި ތިމާވެއްޓާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ޝަޚުޞިއްޔަތާއި، ޘަޤާފަތާއި، އާމްދަނީ ހޯދޭނޭ ގޮތްތަކާއި، ޙައްޤުތައް ހިމާޔަތްކުރުމާވެސް ގުޅުންހުރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ވިލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ހުޅުމާލެ އާއި ރަސްމާލެ މަޝްރޫޢު ފަދަ އިސްނެގުންތަކަކީ، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް އަމިއްލައަށް އިސްނަގައިގެން ކުރެވޭ މަސައްކަތުން، މުޖުތަމަޢުތައް ހިމާޔާތްކޮށް، ހިޖުރަކުރުމަކީ މަޖުބޫރީ ޙާލަތަކަށް ވުމުގެ ކުރިން މޫސުމީ ހިރާސް ކުޑަކުރެވިދާނޭކަމުގެ ނަމޫނާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ބަރޯސާވެވޭ އަދި ބޭނުންކުރެވޭނޭ ފަދަ މާލީ ފުދުންތެރިކަން ނެތި، ނާޒުކު ފައްތަރެއްގައިވާ ޤައުމުތަކަށް ބޭނުންވާ ވިލުންތެރިކަން ޤާއިމުނުކުރެވޭނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ތަހައްމަލުކުރާ ޤައުމުތަކުގެ ރައްޔިތުންނާއި ޙައްޤުތައް ކަށަވަރުކުރަން ބޭނުންވާ ޤާނޫނީ ޔަޤީންކަން ހޯދުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޙައްޤުތައް ހިމާޔަތްކޮށްދީ، ބައިނަލްއަޤުވާމީ ޤާނޫނު ނަގަހައްޓައި އަދި ވިލުންތެރިކަން އިތުރުކޮށްދޭ ފަދަ ޙައްލުތައް ކުރިއެރުވުމުގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބައިވެރިންނާއެކުގައި މަސައްކަތްކުރުންމަތީ ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު