ENGLISH
18 ޖޫން 2026
އުފާވެރި ޚަބަރެއް: ބޭރުގެ މުއާމަލާތްތަކުގެ ލިމިޓަށް ލުޔެއް، ބޭސްފަރުވާ އާއި ތައުލީމީ ކަންކަމަށް އިތުރުއެހީ
18 ޖޫން 2026
|
ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް --
އެންމެ މަޤްބޫލު
ޤައުމީ ބެންކު -- ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެކަން ހާމަކޮށް އެ ތަފްސީލު ހާމަކޮށްފި އެވެ.
ބެންކުން މިރޭ ބުނީ ބޭސްފަރުވާއާއި ތައުލީމީ ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ފައިސާ ދެއްކުމުގައި އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭނެ ކަމަށެވެ.
ބޭންކަށް ލިބޭ ޑޮލަރަށްވުރެ ޑޮލަރުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމުގައި ބީއެމްއެލް އިން ވަނީ ހިފެހެއްޓުންތަކެއް ގެންގުޅެފަ އެވެ.
މި ލިމިޓްތަކަށް ބަދަލުގެނައުމާ ބެހޭ ގޮތުން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭންކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މިކަމުގެ ފައިދާ ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެ އެވެ. މީގެ އިތުރުން، އެއަރލައިން ޓިކެޓް، ހޮޓެލް ބުކިންގް އަދި ހޮސްޕިޓަލްތަކަށް ދައްކާ ފައިސާއަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެ އެވެ. ބޭންކުން ބުނި ގޮތުގައި މި ލިމިޓްތަކަށް މިއަދަދަށް ބޮޑުކުރިފަހުން ބަދަލެއް ގެނެސްފައި ނުވާނެ އެވެ. އަދި، ބޭސްފަރުވާ ނުވަތަ ތައުލީމީ ކަންކަމަށް ފައިސާ ފޮނުވުމުގައި ދަތިވާފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޭންކުން ވިއްކާ ޑޮލަރުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
* މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 345 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.
* މީގެ ތެރެއިން 198 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ކާޑު މުއާމަލާތްތަކަށެވެ.
* ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައި ވެއެވެ.
* މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ އިތުރުވުމެކެވެ.
ބޭންކުގެ އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށްޓަކައި ވީހާވެސް ގިނަ އަދަދަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ދިވެހި ރުފިޔާކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެމުން ދަނީ ބީއެމްއެލުންނެވެ.