ENGLISH

19 ޖޫން 2026

Advertisement

ދެކުނު އެފްރިކާ އާއި ޗެކިއާގެ މެޗު ނިމުނީ ހަމަހަމަ ނަތީޖާއަކުން

18 ޖޫން 2026

|

ސުވެއިދާ ހުސެއިން

ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ އާއި ޗެކިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އޭގައި މެޗުގައި ދެކުނު އެފްރިކާ އާއި ޗެކިއާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ވަރުގަދަކޮށް ފެނިގެންދިޔައީ ޗެކިއާއެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު މެޗު ފަށައިގެން ހަވަނަ މިނެޓުގައި ޗެކިއާއިން ކާމިޔާބުކުރިއިރު، މި ލަނޑު ޖަހައިދިނީ މައިކަލް ސަޑިލެކެވެ. 

މި މެޗުގައި ދެކުނު އެފްރިކާގެ ފުރަތަމަ ނުރައްކާތެރި ހަމަލާ، ގާތްގަނޑަކަށް 25 ޔާޑު ދުރުން އޮސްވިން އެޕޮލިސް ފޮނުވާލިއިރު، އެ ބާރު ހަމަލާ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބޭރުވީ ކޯނަރަކަށެވެ. 

ޗެކިއާގެ ލޫކަސް ސާވްއަށް ކުރި ފައުލަކާ ގުޅިގެން، ދެކުނު އެފްރިކާގެ މިޑްފީލްޑަރު ތެބޯހޯ މޮކޮއެނާއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. މިއީ މި މުބާރާތުގައި އޭނާއަށް ދެއްކި ދެވަނަ ރީނދޫ ކާޑު ކަމަށްވުމުން، ގްރޫޕް ސްޓޭޖުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ދެކުނު އެފްރިކާ ކުޅޭ ފަހު މެޗުގައި އޭނާއަކަށް ނުކުޅެވޭނެއެވެ.

ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ޗެކިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

މި މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ދެކުނު އެފްރިކާއިން ވަނީ ދުރުން ބާރު ހަމަލާއެއް ޗެކިއާ ގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް މި ބޯޅަ ދިޔައީ ގޯލަށް އަމާޒުނުވެ ބެރަށެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެކުނު އެފްރިކާއިން ބޯޅަ ހިފަހައްޓައިގެން ރަނގަޅު ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރިއެވެ. އެގޮތުން އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ ޗެކިއާގެ ގޯލްކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ދޫވިއިރު، އެ ބޯޅަ އަލުން ގޯލަށް ފޮނުވާލި ނަމަވެސް، ޗެކިއާގެ ޑިފެންޑަރުން ވަނީ ސާފުކޮށްލާފައެެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި ޗެކިއާއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ވްލަޑިމީރް ޑަރީޑާ ފޮނުވާލި މި ބޯޅައިގެ ހުރަހަކަށްވީ ދެކުނު އެފްރިކާގެ ޑިފެންޑަރުންނެވެ. ޖެހިގެން އައި މިނެޓުގައި ޗެކިއާގެ ސާވް ދުރުން ފޮނުވާލި ބާރު ހަމަލާ ކީޕަރު ރޮންވެން ވިލިއަމްސް ވަނީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރުކޮށްލާފައެވެ. 

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޗެކިއާގެ ގޯލަށް ނުރައްކާކުރުމަށް ދެކުނު އެފްރިކާއިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ ޓެބޯހޯ މޮކުއޭނާއެވެ. މިއީ އޭރިއާ ތެރެއިން ޗެކިއާގެ ޕަވެލް ސުލްޗް އަތުގައި ޖެހުމުން ދިން ޕެނަލްޓީއެކެވެ.

ވޯލްޑް ކަޕުގައި ޗެކިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ދެކުނު އެފްރިކާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

މި މެޗުން ދެކުނު އެފްރިކާ އާއި ޗެކިއާ އެެއްވަރުވިއިރު، މީގެ ކުރިން މި ދެ ޓީމު ކުޅުނު މެޗުތަކުން ވަނީ ބަލިވެފައެވެ.  އެގޮތުން ދެކުނު އެފްރިކާ ބަލިވީ މެކްސިކޯ އަތުން 0-2 ގެ ނަތީޖާއަކުންެނެވެ. އަދި ދެކުނު ކޮރެއާ އަތުން ޗެކިއާ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާތަކާއެކު މި ގްރޫޕުގެ އެއްވަނައިގައި އޮތް މެކްސިކޯ އާއި، ދެވަނައިގައި އޮތް ދެކުނު ކޮރެއާއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެކިއާ އާއި، ހަތަރުވަނައިގައި އޮތް ދެކުނު އެފްރިކާއަށް ދެ މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު