ENGLISH
18 ޖޫން 2026
މީހުން ބިނާކުރުމުގެ ދާއިރާގައި ވުނަކުރުމަކީ، އެންމެ ފައިދާހުރި ވުނަކުރުން: ފަސްޓްލޭޑީ
18 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
އެންމެ މަޤްބޫލު
މީހުން ބިނާކުރުމުގެ ދާއިރާގައި ވުނަކުރުމަކީ، ކޮންމެ މުޖުތަމަޢަކަށްވެސް ކުރެވޭނެ އެންމެ ފައިދާހުރި ވުނަކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިފަދައިން ފާހަގަކުރެއްވީ، 13 ވަނަ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ބައެއްގެ ގޮތުގައި މިއަދު ބޭއްވި، 8 ވަނަ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޮންލައިންކޮށް ކުރިއަށްގެންދެވުނު މި ސަމިޓްގައި، އެފްރިކާ އަދި އޭޝިއާ ޤައުމުތަކުގެ ފަސްޓް ލޭޑީންނާއެކު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، ޖިއޮގްރަފީ ގޮތުން ކިތަންމެ ދުރުގައިވީ ނަމަވެސް ކޮންމެ މީހަކަށްމެ ޞިއްޙީ ޚިދުމަތް ލިބެންޖެހޭނެ ކަމަށް ވިދާޅުވެ އެކަމަށް ބާރުއަޅުއްވާފަ އެވެ. އަދި، އެކަހެރި ރަށަކަށް އުފަންވާ ކުއްޖަކަށްވެސް، ވެރިރަށަށް އުފަންވާ ކުއްޖަކާ އެއްފަދައިން، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގެ ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމުގައި އެކަމަނާ ވިދާޅުވި އެވެ.
މެރކް ފައުންޑޭޝަނާއެކު ދިވެހިރާއްޖެއިން ގާއިމުކޮށްފައިވާ ބަދަހި ގުޅުމުގެ ސަބަބުން ލިބިފައިވާ ހެޔޮ ނަތީޖާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އޭގެތެރޭގައި، ފާޓިލިޓީ އެންޑް އެމްބްރިއޮލޮޖީ، އެންޑޯކްރިނޮލޮޖީ، ކްރިޓިކަލް ކެއާ، އަދި ޕީޑިއޭޓްރިކްސް ފަދަ މުހިންމު ދާއިރާތަކުން ލިބިފައިވާ 13 ސްކޮލަޝިޕާއި؛ މީޑިއާ، މިއުޒިކް، ފިލްމު އަދި ފެޝަން ޑިޒައިނިންގްގެ ދާއިރާއިން ލިބުނު 8 ކްރިއޭޓިވް އެވޯޑާއި، 'އެޑިއުކޭޓިންގް ލިންޑާ' ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެވުނު 3000 ސްކޫލް ސަޕްލައި ސެޓް ހިމެނޭކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
މި މޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީއަކީ ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ހާސިލުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ކޮންމެ ފަރުދަކަށްމެ އަބުރުވެރިކަމާއި، އުންމީދާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިގެންދާނެކަން ކަށަވަރުކުރުމަށްޓަކައި، އިތުބާރާއި އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ބައިވެރިވުންތަކެއް އޮންނަން ޖެހޭ ކަމަށެވެ.
ފައުންޑޭޝަންގެ "މޯ ދޭން އަ މަދަރ" ޕްރޮގްރާމްގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން، ދަރިމައިނުވުމާ ގުޅިގެން މުޖުތަމަޢުން ކުރިމަތިކުރުވާ ބަދުނާމާއި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އެފަދަ ތަފާތުކުރުންތަކަކީ، އެ ބަލީގެ ވޭނާ އެއްވަރުގެ ކަމަކަށް، ގިނަ ފަހަރު ވެގެންދާ ކަމެއްކަން ފާހަގަކުރައްވަމުން، ފާޑުކިޔުމާއި ނިންމުންތައް ނިންމުމުގެ ބަދަލުގައި، ހަމްދަރުދީ އިސްކޮށް، ކޮންމެ ފަރުދަކަށްމެ އިހުތިރާމާއި ގަދަރުލިބޭ މުޖުތަމަޢުތަކެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވި އެވެ.
މީގެ އިތުރުން، އެކަމަނާ ވަނީ މެރކް ފައުންޑޭޝަންގެ 9 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އާއި، އެފްރިކާ، އޭޝިއާ އަދި އެކަށީގެންވާ ޚިދުމަތްތަކުން މަހުރޫމްވެފައިވާ މުޖުތަމަޢުތަކުގެ ތަރައްޤީއަށް އެ ފައުންޑޭޝަނުން ހިންގަމުންދާ ބަދަލުތަކެއް ގެނުވި ޕްރޮގްރާމްތަކުގެ، 14 އަހަރުވީ ދިގު ދަތުރަށް މަރުހަބާ ވިދާޅުވެފަ އެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވަނީ، ޞިއްޙަތާއި، ފުރުސަތުތަކާއި، އަބުރުވެރިކަމަކީ ހަމައެކަނި މަދު ބަޔަކަށް ލިބޭ އިމްތިޔާޒުތަކަކަށް ނުހަދައި، އެއީ އެންމެންގެ ޙައްޤުތަކަކަށް ހެދުމަށްޓަކައި ހުރިހާ ބައިވެރިން އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ.
މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީއަކީ އެފްރިކާ އަދި އޭޝިއާ ސަރަހައްދުގެ ތަރައްޤީއާއި ޞިއްޙީ ދާއިރާގެ، މުހިންމު އިސްކަންދެވޭ ކަންކަމަށް ހައްލު ހޯދުމަށްޓަކައި، ދާއިރާގެ މާހިރުންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކުގެ އިތުރުން ޢިލްމީ ތަޖުރިބާކާރުން އެއްތަންކޮށްދޭ އަހަރީ ކޮންފަރެންސެކެވެ.