ENGLISH

18 ޖޫން 2026

Advertisement

ކިޑްސަލް: ހަ ޓީމަކުން ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފި

18 ޖޫން 2026

|

އިސްމާއިލް ޝާހު

ކިޑްސަލްގައި ވިލިމާލެ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކިޑްސަލް 2026 ގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާއަށްފަހު، ހަ ޓީމަކުން މުބާރާތުގެ ކުއާޓާ ފައިނަލް ޖާގަތައް ކަށަވަރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ.

މި މުބާރާތުގައި 10 ޓީމު ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، ކޮންމެ ގްރޫޕަކުންވެސް ތިން ޓީމު ވަނީ މިހާތަނަށް ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފައެވެ.

ކިޑްސަލްގައި އެލީޓާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

އެގޮތުން ގްރޫޕް އޭ އިން ކުއާޓާގެ ޖާގަތައް ޔަގީންކޮށްފައިވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެއްވަނައިގައި އޮތް އެލީޓް އެކެޑަމީ އާއި، ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތް ކުލަބު ވެލެންސިއާގެ އިތުރުން ތިން މެޗުން ހަ ޕޮއިންޓާއެކު ތިންވަނައިގައި އޮތް ވިލިމާލެ ޔުނައިޓެޑެވެ. މި ގްރޫޕުގެ ހަތަރުވަނައިގައި އޮތް ބީޖީ ސްޕޯޓްސްއަށް ތިން މެޗުން ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ސްޓަރސް އެކެޑަމީން މިހާތަނަށް ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.

މި މުބާރާތުގެ ގްރޫޕް އޭގެ ދެ މެޗު އިއްޔެ ކުޅުނުއިރު، އިއްޔެ ހަވީރު ކުޅުނު މެޗުން ވިލިމާލެ ޔުނައިޓެޑް ވަނީ 3-2 ގެ ނަތީޖާއަކުން ބީޖީ ބަލިކޮށްފައެވެ. އަދި މި ގްރޫޕުގައި ރޭ ކުޅުނު މެޗުން އެލީޓުން ވަނީ 1-0 ގެ ނަތީޖާއަކުން ވެލެންސިއާ އަތުން މޮޅުވެފައެވެ.

ކިޑްސަލްގައި ނިއު ރޭޑިއަންޓާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ބީ އިން ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދާފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، އެސްޕަޔަރ އެކެޑަމީގެ އިތުރުން ތިން މެޗުން ތިން ޕޮއިންޓާއެކު ތިންވަނައިގައި އޮތް ބިސް ބުރު ސްޕޯޓްސްއެވެ. މި ގްރޫޕުގެ ހަތަރުވަނައިގައި އޮތް ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުލަބު (އެޗްވައިއެސްސީ) އާއި ފުލުގައި އޮތް އެޑްވެންޗަރސް އެކެޑަމީއަށް ޕޮއިންޓެއް ލިބިފައިވާއިރު، އެޗްވައިއެސްސީއަށް ބާކީ މެޗެއް އެބައޮތެވެ.

މި މުބާރާތުގެ ގްރޫޕް ބީގެ ދެ މެޗުވެސް އިއްޔެ ކުޅުނުއިރު، އިއްޔެ ހަވީރު ކުޅުނު މެޗުން ނިއު ރޭޑިއަންޓް ވަނީ 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބިސް ބުރު ބަލިކޮށްފައެވެ. އަދި މި ގްރޫޕުގައި ރޭ ކުޅުނު މެޗުން އެސްޕަޔަރއިން ވަނީ 2-1 ގެ ނަތީޖާއަކުން އެޑްވެންޗަރސް އަތުން މޮޅުވެފައެވެ.

ކިޑްސަލްގައި އެސްޕަޔަރ އާއި އެޑްވެންޗަރސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކިޑްސަލްގެ މެޗުތައް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރެވެ.

  • ސްޓަރސް އެކެޑަމީ - ބީޖީ ސްޕޯޓްސް (16:00)
  • އެޗްވައިއެސްސީ - ބިސް ބުރު (16:00)
  • ވިލިމާލެ ޔުނައިޓެޑް - އެލީޓް އެކެޑަމީ (17:00)
  • ނިއު ރޭޑިއަންޓް - އެސްޕަޔަރ އެކެޑަމީ (17:00)
ކިޔުންތެރިންގެ ހިޔާލު