ENGLISH

18 ޖޫން 2026

Advertisement

ހޮހަޅައިގައި ބަޔަކު ތާށިވި ހާދިސާ: ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ ހިދުމަތުގެ އަގު ރައީސުލްޖުމްހޫރިއްޔާ ވަޒަންކުރައްވައިފި

17 ޖޫން 2026

|

އަޙުމަދު ޙަމީދު

ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުން ---

ވ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހާއްސަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފި އެވެ.

މި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދެވެ. 

ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި، ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކުރެވުނެވެ.

އިޓަލީގެ ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާ ހިނގީ ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައިގަ އެވެ. މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (23އ) އާއި، ރިސާޗަރ މުރިއެލް އޮޑެނީނޯ (31އ) އާއި، ފެޑެރީކޯ ގުއަލްޓިއޭރީ (30އ) ގެ އިތުރުން "ޑޫކް އޮފް ޔޯކް" ސަފާރީގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) އެވެ.

އެ މީހުން ހޯދަން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ސިފައިންގެ ބޭކަލަކު ވެސް ނިޔާވި އެވެ.

ކިޔުންތެރިންގެ ހިޔާލު