ENGLISH

17 ޖޫން 2026

Advertisement

މުސްތަގުބަލާ ގުޅޭ ވާހަކަތަކަށް ސަމާލުކަމެއް ނުދެން، އަމާޒަކީ ވޯލްޑް ކަޕް ކާމިޔާބުކުރުން: މާޓިނޭޒް

17 ޖޫން 2026

|

މުޙައްމަދު އަދުހަމް

ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ކޭގައި މިރޭ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ، ފޯކަސް އޮތީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޓިނޭޒް ބުނީ، މި ވަގުތު އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ މީގެ ތިން އަހަރާއި ބައި ކުރިން ފެށި މަސައްކަތް ފުރިހަމަކުރުމަށް ކަމަށެވެ.

"މިއީ އައު ވާހަކައެއް ނޫން، ޕޯޗުގަލްގައި މި ވާހަކަ ވަރަށް ގިނައިން ދެކެވިއްޖެ. މި ވަގުތު އެންމެ މުހިންމު ކަމަކީ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފޯކަސްކުރުން،" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ، މުބާރާތުގެ ކުރީން ނައިޖީރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އަނިޔާވި މުހިންމު ކުޅުންތެރިއެއް ކަމަށްވާ ރުބެން ޑިއާސް މިރޭގެ މެޗުގައި ނުފެންނާނެ ކަމަށެވެ.

"ސިއްހީ ގޮތުން ބަލާއިރު ވޯލްޑް ކަޕް މެޗެއްގައި ކުޅެވޭނީ އޭނާ އެއްކޮށް ސަތޭކަ ޕަސެންޓް ފިޓްވެގެން. އަދި އަހަރެމެން އަމަލުކުރާނީވެސް އެގޮތަށް. މުބާރާތުގެ މި މަރުހަލާގައި އެއްވެސް ރިސްކެއް ނަގާކަށް ބޭނުމެއް ނޫން،" މާޓިނޭޒް ބުންޏެވެ.

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ހަވަނަ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނައިރު، މާޓިނޭޒް ބުނީ ރޮނާލްޑޯގެ ފަރާތުން ފެންނަނީ މިއީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕުގައި ފެންނާނެ ފަދަ ޖޯޝެއް ކަމަށެވެ.

"އޭނާއަކީ އެހެން ކުޅުންތެރިންނަށް ރޯލް މޮޑެލްއެއް. މުޅި ދުނިޔޭގެ ފުޓްބޯޅައިގެ ހުރިހާ އެތުލީޓުންނާއި، އެ ކުޅިވަރަށް ލޯބިކުރާ އަންހެން އަދި ފިރިހެނުންނަށްވެސް އެއީ ޝަރަފުވެރި ކުޅުންތެރިއެއް. މިއީ އޭނާގެ ހަވަނަ ވޯލްޑް ކަޕް ނަމަވެސް، އޭނާ މަސައްކަތްކުރާ ހިތްވަރާއި ފޯރިއަށް ބަލާއިރު ހީވަނީ މިއީ އޭނާގެ ފުރަތަމަ މުބާރާތްހެން." މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ، ރޮނާލްޑޯ އަކީ ހުރިހާ ގޮތަކުން ބެލިކަމުގައިވިޔަސް ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އެހެން ކުޅުންތެރިންނަށް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގައިވެސް އޭނާގެ ދައުރު ބޮޑު ކަމަށެވެ.

މާޓިނޭޒްގެ ވާހަކަ ނިންމާލަމުން ވަނީ ކޮންގޯއާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫވާނެ ކަމަށާއި، އެ ޓީމަކީ ފިޒިކަލީ ވަރުގަދަ އަދި ޓްރާންޒިޝަންތަކުގައި ވަރަށް ހަލުވި ޓީމެއްކަން ފާހަގަކޮށްފައެވެ. އެ ޓީމާ މެދު ފަރުވާ ކުޑަކޮށްފިނަމަ އޭގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް މާޓިނޭޒް ބުންޏެވެ.

މިފަހަރުގެ މުބާރާތުގައި ޔޫރަޕްގެ ޗެމްޕިއަން، ސްޕެއިނާ ދެކޮޅަށް ކުޅެ 0-0 އިން ކާބޯ ވާޑޭ އެއްވަރުކުރި މެޗަށް އިޝާރާތް ކުރަމުން އޭނާ ބުނީ، މި ފަހަރުގެ ވޯލްޑް ކަޕުގައި އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫންކަން އެ ޓީމުން ސާބިތުކޮށްދީފި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު