ENGLISH
17 ޖޫން 2026
ކާބޯ ވާޑޭގެ ކީޕަރުގެ މަންމަ އެމެރިކާއަށް ދިޔުމުގެ ފުރުސަތު ސްޓޭޓް ޑިޕާޓްމަންޓުން ފަހިކޮށްދެނީ
17 ޖޫން 2026
|
ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާގެ މަންމައަށް ފީފާ ވޯލްޑް ކަޕް 2026 ގައި ދަރިފުޅު ކުޅޭ މަންޒަރު ބަލާލުމަށް އެމެރިކާއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މަސައްކަތްކުރަމުންދާ ކަމަށް އެ އިދާރާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޯމަ ދުވަހު ސްޕެއިންއާ ދެކޮޅަށް ކާބޯ ވާޑޭ ކުޅެ، ހައިރާންކުރުވަނިވި ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު ވޮޒީނިއާ ބުނެފައިވަނީ، އޭނާގެ މަންމައަށް އެ މެޗަށް ނާދެވުނީ ވިސާ ބޮންޑަށް ދައްކަންޖެހޭ ފައިސާ ނެތުމުން ކަމަށެވެ.
"ވިސާގެ ކަންތައްތައް ހުރިގޮތުންނާއި، ވިސާއަށް ދައްކަންޖެހޭ ފައިސާ ނެތުމުން މަންމައަށް މިކޮޅަށް ނާދެވުނީ،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވޮޒީނިއާ ބުންޏެވެ. "ވަގުތަށް ކަންކަން ހަމަނުޖެހުނީ. އަހަރެން ބޭނުންވޭ މަންމަ މިތަނުގައި ހުންނަން."
ވިސާގެ މުއްދަތު ހަމަވުމަށްފަހު އެމެރިކާގައި މަޑުކުރާ މީހުން ގިނަ ކަމަށް ބުނެ، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ކާބޯ ވާޑޭ ހިމެނޭހެން 50 ގައުމެއްގެ ރައްޔިތުން ވިސާ ހޯދުމަށް 15،000 ޑޮލަރާ ހަމައަށް ބޮންޑެއް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސާފައެވެ.
ނަމަވެސް ވޮޒީނިއާގެ ވާހަކަތަކާ ގުޅިގެން ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވީ، ކުޅުންތެރިޔާގެ މަންމަ ވިސާއަށް އެދިފައިވާކަމުގެ އެއްވެސް ރިކޯޑެއް ނެތް ކަމަށެވެ. އަދި ކުޅުންތެރިންގެ އާއިލާގެ މެންބަރުންނަށް މި ބޮންޑު ދައްކަން ނުޖެހޭނެކަންވެސް ފާހަގަކުރެއްވިއެވެ.
ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާގެ އާއިލާ --- ފޮޓޯ: ރޮއިޓަރސް
"މި ދެންނެވި ފަރާތުން ވިސާއަށް އެދި ހުށަހަޅާފައިވާކަމުގެ އެއްވެސް ރިކޯޑެއް މި ޑިޕާޓްމަންޓަކު ނެތް. ކުޅުންތެރިންގެ ހުރިހާ އާއިލީ މެންބަރުންނަށްވެސް ވިސާ ބޮންޑުން އިސްތިސްނާ ލިބޭނެ. އަދި ވިސާގެ ކަންކަމުގައި އެހީތެރިވުމަށް މި ޑިޕާޓްމަންޓުން ދަނީ އެ ކުޅުންތެރިޔާގެ އާއިލާއާ މުއާމަލާތްކުރަމުން،" އޮފިޝަލު ވިދާޅުވިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ވޮޒީނިއާގެ މަންމަގެ އަތުގައި މިވަގުތު މުއްދަތު ހަމަނުވާ ޕާސްޕޯޓެއް ނެތެވެ. އެއާއެކު އޭނާ މިހާރު މަސައްކަތްކުރަމުންދަނީ އައު ޕާސްޕޯޓެއް ހެއްދުމަށް ކަމަށްވެސް އެ ރިޕޯޓުތައް ބުނެއެވެ.
ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގައި ކުޅެމުންދާ އުމުރުން 40 އަހަރުގެ ކީޕަރު ވޮޒީނިއާ ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައެވެ. އެ ޤައުމު ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗުގައި، މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ސްޕެއިންގެ ވަރުގަދަ ހަމަލާތައް ވަނީ ހުއްޓުވާފައެވެ.
ގާތްގަނޑަކަށް 530،000 މީހުންގެ އާބާދީއެއް އޮތް ކާބޯ ވާޑޭއިން މި ކާމިޔާބީ ފާހަގަކުރިއިރު، މުޅި ދުނިޔޭގެ ސަމާލުކަން އެ ޓީމަށް ލިބުނެވެ. މީގެ ކުރިން މާ ބޮޑު މަޝްހޫރުކަމެއް ނެތް ކީޕަރު މިހާރު ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ. އެގޮތުން ވޮޒީނިއާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 50،000 އިން 9.7 މިލިޔަނަށް ވުރެ މައްޗަށް ވަނީ އުފުލިފައެވެ.
ކާބޯ ވާޑޭއިން ދެން ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު މަޔާމީގައި ބައްދަލުކުރާނީ އުރުގުއޭއާއެވެ.