ENGLISH
18 ޖޫން 2026
ކޮންގޯއާ އެއްވަރުވެ ޕޯޗުގަލް މާޔޫސްވިއިރު، ރޮނާލްޑޯގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެއް
18 ޖޫން 2026
|
ވޯލްޑް ކަޕުގައި ޕޯޗުގަލް އާއި ކޮންގޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއާ ވާދަކޮށް އެއްވަރުވިއިރު، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔައީ އުންމީދުކުރި ވަރުގެ ކުޅުމެއް ނޫނެވެ.
ހިއުސްޓަން ސްޓޭޑިއަމުގައި މިރޭ ކުޅުނު ގްރޫޕް ކޭގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗު ރޮނާލްޑޯ ފެށި ނަމަވެސް، މެޗުގެ ނަތީޖާއަށް ބަދަލުގެންނަވަރުގެ ކުޅުމެއް އޭނާއަށް ނުދެއްކުނެވެ. ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅޭ ޕޯޗުގަލް ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކުނު މި މެޗުގައި ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ވޯލްޑް ކަޕުގައި ޕޯޗުގަލް އާއި ކޮންގޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މި މެޗު ފަށައިގެން ހަވަނަ މިނެޓުގައި ޖޮއާއޯ ނެވޭސް ބޮލުން ފޮނުވާލި ހަމަލާއަކުން ޕޯޗުގަލް ކުރިހޯދި ނަމަވެސް، މުޅި މެޗުގައިވެސް އެ ޓީމަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއަކީ އެއީއެވެ.
ކޮންގޯއިން ވަނީ ހިތްވަރާއެކު ކުޅެ ނިއުކާސަލްގެ ޔޮއާން ވިސާ ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ކޮންގޯއިން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
1974 ވަނަ އަހަރު "ޒަޔަރ" ގެ ނަމުގައި ވާދަކުރުމަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ހޯދި ކޮންގޯއަށް މިއީ ތާރީޚީ އަދި މުހިންމު ޕޮއިންޓެކެވެ.