ENGLISH

18 ޖޫން 2026

Advertisement

ކްރޮއޭޝިއާ ބަލިކޮށް އިންގްލެންޑަށް ފުރިހަމަ ފެށުމެއް

18 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ކްރޮއޭޝިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ކޭން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެލްގައި ކްރޮއޭޝިއާ ބަލިކޮށް، ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންގްލެންޑުން މޮޅަކުން މުބާރާތް ފަށައިފިއެވެ. އެމެރިކާގެ ޑަލަސް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އިންގްލެންޑުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ. ކޭން ފުރަތަމަ ފޮނުވާލި ޕެނަލްޓީ، ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވާކޮވިޗް މަތަކުރި ނަމަވެސް، ޕެނަލްޓީ މަތަކުރަން ރޮނގަށް ވުރެން ކުރިއަށް ޖެހި ހުރުމުން އަލުން ޖަހަން ދިން ޕެނަލްޓީ ކޭން ވަނީ ގޯލަށް ވައްދާލާފައެވެ. މި ޕެނަލްޓީއަކީ އިންގްލެންޑުގެ ނޯނީ މަޑުއޭކޭއަށް އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެކަމަކު މި މެޗުގެ 36 ވަނަ މިނެޓުގައި ކްރޮއޭޝިއާއިން ނަތީޖާ އެއްވަރުކުރިއިރު، ޕީޓަ ސުޗިޗް ދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ މާޓިން ބަޓުރީނާއެވެ.

ވޯލްޑް ކަޕުގައި އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

މި މެޗުގައި އިންގްލެންޑުން ދެވަނަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޑެކްލަން ރައިސް ނަގައިދިން ކޯނަރަކުން ކޭންއެވެ. މިއީ ވޯލްޑް ކަޕުތަކުގައި ކޭން ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކްރޮއޭޝިއާއިން ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ. އިވާން ޕެރިސިޗް ދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ ޕީޓާ މޫސާއެވެ.

މި މެޗުގެ ދެވަނަ ހާފު އިންގްލެންޑުން ވަރުގަދަކޮށް ފެށިއިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ އެ ޓީމަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. އަދި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އިންގްލެންޑުން ލީޑު ފުޅާކުރީ ބަދަލަކަށް ކުޅެން އެރި މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ވޯލްޑް ކަޕުގައި ކްރޮއޭޝިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ބެލިންހަމް އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

މި މެޗުން އިންގްލެންޑް މޮޅުވިއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކްރޮއޭޝިއާއިން ވަނީ އިތުރު ވަގުތުގައި ޖެހި ލަނޑާއެކު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު