ENGLISH
17 ޖޫން 2026
ތިމާވެށީގެ ކަންކަމަށް ޚާއްޞަ ލުއިލޯނު އެހީ ހޯދުމަށް ރާއްޖެއަށް މަގުފަހިވެއްޖެ
17 ޖޫން 2026
|
ރާއްޖޭގެ ރަށެއް --
އެންމެ މަޤްބޫލު
ދައުލަތުގެ މާލީ ނިޒާމާއި އިންވެސްޓްމަންޓްތައް މެނޭޖްކުރުމުގައި ތިމާވެށްޓަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރުން އިތުރުކޮށްފިނަމަ، ރާއްޖޭގައި ކުރެވޭ ތިމާވެށީގެ އިންވެސްޓްމަންޓްތައް ފުޅާކޮށް، ލުއި ގޮތްތަކެއްގެ މަތިން މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ފަހިވާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.
މި އިރުޝާދު ދީފައިވަނީ އައި.އެމް.އެފް އިން 2026 ވަނަ އަހަރުގެ އާޓިކަލް IV މިޝަންގެ ދަށުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު އެކުލަވައިލި ވަގުތީ ރިޕޯޓުގަ އެވެ.
އައިއެމްއެފުން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށާއި ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކަށް ކެތްކުރެވޭފަދަ ނިޒާމެއް ބިނާކުރުމަކީ ދިގުމުއްދަތުގެ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެކެވެ. އެ ފަންޑުން ހާމަކުރި ގޮތުގައި، ދައުލަތުގެ ޚަރަދުތަކާއި އިންވެސްޓްމަންޓްތައް ރޭވުމުގައާއި، ވަޒަންކުރުމުގައާއި އަދި މެނޭޖްކުރުމުގައި ތިމާވެށްޓަށް ކުރާނެ އަސަރުތަކަށް ބެލުމަކީ، ތިމާވެށްޓާ ގުޅުންހުރި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ވިޔަފާރި އުސޫލުން ނަގާ ލޯނުތަކަށްވުރެ ލުއި ޝަރުތުތަކާއެކު ލިބޭ ތިމާވެށީގެ މާލީ އެހީތައް (ކޮންސެޝަނަލް ކްލައިމެޓް ފައިނޭންސިންގ) ހޯދުމަށް މަގުފަހިވާނެއެވެ. މިފަދަ ލުއި އެހީތަކުގެ ސަބަބުން، ބޮޑެތި އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިސާ ހޯދާއިރު ދަރަނީގެ ބުރަ ކުޑަކުރެވުމާއެކު، މޫސުމީ ބަދަލުތަކަށް އިންތިިލާފުވުމަށާއި ކެތްތެރިކަން އިތުރުކުރުމަށް ހިންގާ މަޝްރޫޢުތަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ.
މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ހަކަތަ އިސްރާފުކުރުން ކުޑަކުރުމަށް ގެންނަ އިޞްލާޙުތަކަކީ، މުސްތަޤުބަލުގައި ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކޮށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ ކަންކަން ކަމުގައި އައިއެމްއެފުން ފާހަގަކުރި އެވެ.
ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމުން، މާލީ ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުވެ، އޭގެ ނަތީޖާ ރަނގަޅުވާނެ ކަމަށްވެސް އެ ފަންޑުން ބުނެއެވެ. އިންވެސްޓްމަންޓްތައް ރޭވުމާއި މަޝްރޫޢުތައް ވަޒަންކުރުން މިހާރަށްވުރެ ސާފުކޮށް ބައްޓަންކުރުމުން، ދައުލަތުގެ ވަސީލަތްތައް އިގްތިސާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން އެންމެ ފައިދާހުރި ކަންކަމަށް އަމާޒުކުރެވޭނެކަން ކަށަވަރުކުރެވޭނެއެވެ.
ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި، އަދި ޤާނޫނީ އަދި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ފުޅާ ދާއިރާއެއްގައި އިޞްލާޙުތައް ގެނައުމަށްވެސް އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ. މި އިޞްލާޙުތަކުގެ ސަބަބުން ވިޔަފާރީގެ މާހައުލު ރަނގަޅުވެ، އަމިއްލަ ދާއިރާ ކުރިއަރައި، ރާއްޖޭގެ މެދު ރާސްތާގެ އިގްތިސާދީ އުންމީދުތައް އާލާވާނެ ކަމަށް އެ ފަންޑުން ދެކެ އެވެ.