ENGLISH

17 ޖޫން 2026

Advertisement

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިވެންޓް ޕާޓްނަރަކަށް އިވެންޓް މޯލްޑިވްސް އަދި ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް

17 ޖޫން 2026

|

އާމިނަތު ނުޒްލާ

ވޯލްޑް ޓްރެވެްލް އެވޯޑްސްގެ އިވެންޓް ޕާޓްނަރަކަށް އިވެންޓް މޯލްޑިވްސް އާއެކު ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ވީއެމްސީ

މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ " ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އިވެންޓް ޕާޓްނަރަކަށް އިވެންޓް މޯލްޑިވްސް އަދި ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް ހަމަޖައްސައިފިއެވެ.

މި އެއްބަސްވުންތަކުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ފަރާތުން ސޮއިކޮށްފައިވަނީ، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސަބީހާ އަހުމަދެވެ. އަދި އިވެންޓް މޯލްޑިވްސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އަހުމަދު މިދުހަތު ސޮއިކުރެއްވިއިރު، ޕްރިންޓް ލެބްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މަދީހް ޖަމާލްއެވެ.

ވޯލްޑް ޓްރެވެްލް އެވޯޑްސްގެ ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބްއާއެކު ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ވީއެމްސީ

މި އެވޯޑަކީ އިންޑިއާ އިންޑިއަން އޯޝަންގެ އިތުރުން އޯޝަނިއާ އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިންނާއި ފަންނީ މާހިރުން އެއްތަންކޮށްދޭ ހަރަކާތެކެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، މި އެވޯޑް ހަފުލާގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖެއިން ފަތުރުވެރިންނަށް އަދާކުރާ މެހެމާންދާރީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދުނިޔޭގެ ލީޑަރުންނަށް ދައްކާލުމަށް ބޮޑު މަގަކަށް ވެގެންދާނެއެވެ.

ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. ރާއްޖެއަކީ މިހާރުވެސް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ފަހުރުވެރިކަމާއެކު ދަމަހައްޓަމުން އަންނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު