ENGLISH
17 ޖޫން 2026
ލަނޑު ޖެހުމަށްފަހު މެސީއަށް ރޮވުނީ ފުޓްބޯޅައާ ގުޅުންހުރި ކަމެއްގައެއް ނޫން
17 ޖޫން 2026
|
ލިއޮނަލް މެސީ: ފުރަތަމަ ލަނޑާއެކު މެސީއަށް ރޮވުނީ ފުޓްބޯޅައާ ގުޅުންހުރި ކަމެއްގައެއް ނޫން --
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖޭގައި އަލްޖީރިއާ އަތުން އާޖެންޓީނާ މޮޅިވި މެޗުގައި، ފުރަތަމަ ލަނޑާއެކު ކެޕްޓަން ލިއޮނެލް މެސީއަށް ރޮވުނީ ފުޓްބޯޅައާ ގުޅުންހުރި ކަމެއްގައި ނޫން ކަމަށް ބުނެފިއެވެ. ރޭ ކުޅުނު މި މެޗުގައި އާޖެންޓީނާ މޮޅުވި 3 ލަނޑުވެސް ޖެހީ މެސީއެވެ.
އާޖެންޓީނާގެ ކެޕްޓަން، އޭނާގެ ޤައުމީ ޓީމަށް ކުޅުނު 200 ވަނަ މެޗުގައި، ވޯލްޑް ކަޕް ދިފާއުކުރުމުގެ ފެށުން މެސީ، އާޖެންޓީނާއަށް ފުރިހަމަކޮށްދިނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ހިތްގައިމު ލަނޑެއް ކާމިޔާބުކުރުމަށްފަހު، ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަމުން ދިޔަ ވަގުތު، މެސީގެ ލޮލުން އައި ކަރުނަތައް ޖާޒީން ފޮހެލަނިކޮށް ކެމެރާތަކަށް ވަނީ އަރާފައެވެ. މެސީ ބުނި ގޮތުގައި އޭނާއަށް ރޮވުނީ ފުޓްބޯޅައާ މުޅިން ނުގުޅޭ ކަމެއްގައި ކަމަށެވެ.
"އަހަރެން ވަރަށް އުނދަގޫ ދުވަސްތަކެއް ތަހައްމަލު ކުރިން. ނަމަވެސް މުޅި ޓީމުގެ އެންމެހާ އެކުވެރިންނަށް އަހަރެން ޝުކުރުވެރިވަން. އެއީ އެ މީހުން އަބަދުވެސް އަހަރެންގެ ގާތުގައި ތިބެ، އެކަންކަމުން އަރައިގަތުމަށް ބޭނުންވާ ހިތްވަރު ދިނީތީ." މެސީ ބުންޏެވެ.
މިއީ މެސީ ވޯލްޑް ކަޕެއްގައި ހެދި ފުރަތަމަ ހެޓްރިކެވެ. މިއާއެކު ވޯލްޑް ކަޕް މުބާރާތްތަކުގައި އޭނާ ޖެހި ޖުމްލަ ލަނޑުގެ އަދަދު 16 އަށް ވަނީ އަރާފައެވެ. ޖަރުމަނުގެ މިރޮސްލާވް ކްލޯސާ ހަދާފައިވާ ރިކޯޑާ ވަނީ އަރާ ހަމަކޮށްފައެވެ. އަދި މެސީއަކީ ތާރީޚުގައި ހަ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާވެސްމެއެވެ. މީގެ 20 އަހަރު ކުރިން ސާބިއާ އެންޑް މޮންޓެނީގްރޯއާ ދެކޮޅަށް ކުޅެ 6-0 އިން މޮޅުވި މެޗަކީ އޭނާ ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 8 ފަހަރު ހޯދާފައިވާ މެސީގެ ރޭ ދެއްކި މޮޅު ކުޅުމާއެކު، އާޖެންޓީނާއަށް ވަނީ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތް ފަށައި، ފުރަތަމަ މެޗުން މޮޅުވުމުގެ ޝަރަފު ލިބިފައެވެ. މީގެ ކުރިން 1982 އަދި 1990 ވަނަ އަހަރު ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ އާޖެންޓީނާ ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ.
ވޯލްޑް ކަޕުގެ ކުރިން އިންޓަރ މަޔާމީއަށް ކުޅުނު ފަހު މެޗުގައި މަސްގަނޑަށް ދިމާވި އަނިޔާގެ މައްސަލައިގެ ސަބަބުން މެސީގެ ފިޓްނަސްއާ މެދު ސުވާލު އުފެދިފައި އޮތް ނަމަވެސް، އޭނާ ވަނީ އާދަޔާޚިލާފު ކުޅުމެއް ދައްކާފައެވެ.
މެސީ އިތުރަށް ބުނީ ކުރިމަތިވި ކޮންމެ ގޮންޖެހުމަކާއެކުވެސް މި ހިސާބަށް އާދެވުމުން ވަރަށް އުފާވާ ކަމަށެވެ. މި މޮޅުގެ ވަގުތުގައި ޓީމާއެކު ވަގުތު ހޭދަކުރަން ލިބުމުން ހިތްހަމަޖެހިފައިވާ ކަމަށެވެ.
މެޗުގެ 80 ވަނަ މިނެޓުގައި މެސީ ބޭލި ވަގުތު، ކެންސަސް ސިޓީ ސްޓޭޑިއަމްގައި ތިބި ހުރިހާ ސަޕޯޓަރުން ކޮޅަށް ތެދުވެ އޭނާއަށް އިހުތިރާމް އަދާކުރިއެވެ. 2022 ވަނަ އަހަރު ގަތަރުގައި އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެސީއަކީ، ޖެހިޖެހިގެން ދެވަނަ ފަހަރަށް ތަށި ދިފާއުކުރާ ތިންވަނަ ޤައުމަށް އާޖެންޓީނާ ހެދުމަށް ކުރާ އުއްމީދުގައި އެންމެ މުހިންމު ކުޅުންތެރިޔާއެވެ.
އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓަރ ބުނި ގޮތުގައި، މެސީ މޮޅުކަން ސިފަކޮށްދޭނެ ބަހެއް ނެތް ކަމަށެވެ. މެސީ ނެތި ޓީމު މާ މޮޅުވާނެ ކަމަށް އެއްވެސް މީހަކު ހީކުރިނަމަ، މިއަދު އެއީ ކުށްހީއެއްކަން ސާބިތުވެއްޖެ ކަމަށެވެ.
ގްރޫޕް ޖޭގައި އާޖެންޓީނާ ކުޅޭ ދެވަނަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އޮސްޓްރިއާއާ ދެކޮޅަށެވެ.