ENGLISH

17 ޖޫން 2026

Advertisement

ގަން އެއާޕޯޓުގައި ބިނާކުރާ މިސްކިތު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

17 ޖޫން 2026

|

އާމިނަތު ނުޒްލާ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާކުރާ "ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާ ކުރާ "ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާ އަޅައިފިއެވެ.

މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، މި މިސްކިތަކީ ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އަދި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެއް ކަމަށެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާ ކުރާ "ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

މި މިސްކިތަކީ 800 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި، މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި މަލްޓި ޕަރޕަސް ހޯލަކާއި ލައިބްރަރީއެއްވެސް މިތަނުގައި ހުންނާނެކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި މިސްކިތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންގެ އިތުރުން ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އާއިލާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ މުޙައްމަދު ޞާލިޙުގެ އަމިއްލަ ގޯތީގައެވެ. ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިސްކިތް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށާފައިވާއިރު، އެމަނިކުފާނުގެ އެހީގައި އައްޑޫ ހުޅުދޫގައިވެސް ވަނީ މިސްކިތެއް ބިނާކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު