ENGLISH
19 ޖޫން 2026
އުރުދުން ބަލިކޮށް އޮސްޓްރިއާއަށް އުފާވެރި ފެށުމެއް
17 ޖޫން 2026
|
އުރުދުން ކޮޅަށް ލަނޑުޖެހުމަށްފަހު އޮސްޓްރިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
28 އަހަރަށްފަހު ފިފާ ވޯލްޑް ކަޕަށް އެނބުރި އައި މެޗުގައި އޮސްޓްރިއާއިން 3-1 ގެ ނަތީޖާއަކުން އުރުދުން ބަލިކޮށްފިއެވެ. މިއީ 36 އަހަރުގެ ތެރޭގައި ވޯލްޑް ކަޕުގައި އޮސްޓްރިއާ ހޯދި ފުރަތަމަ މޮޅެވެ.
މި މޮޅާއެކު އޮސްޓްރިއާ ވަނީ ގްރޫޕް ޖޭގެ ދެވަނަ މަގާމަށް ޖެހިލައިފައެވެ. މި ގްރޫޕުގެ އެއްވަނައިގައި އުޅެނީ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އެވެ.
އެމެރިކާގެ ސެން ފްރާންސިސްކޯ ބޭ އެރީނާ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި އުރުދުން ޓީމުން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި އެ ޓީމުގެ ކެޕްޓަން އެހްސާން ހައްދާދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ބޭރު ދާގަނޑަށެވެ.
އޮސްޓްރިއާ އާއި އުރުދުން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އޭގެފަހުން އުރުދުންގެ އޮޑެ ފަހޫރީ ފޮނުވާލި ބޯޅަ އޮސްޓްރިއާގެ ކީޕަރު އަލެކްސެންޑަރ ޝްލާގާ ހުއްޓުވިއެވެ.
ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 20 ވަނަ މިނެޓުގައި އޮސްޓްރިއާއަށް ކާމިޔާބުކޮށްދިނީ ރޮމާނޯ ޝްމިޑެވެ.
ވޯލްޑް ކަޕުގައި މުޅިން އަލަށް ކުޅުނު އުރުދުން ޓީމުން ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ ކުރީކޮޅެވެ. އުރުދުންގެ ތާރީޚީ މި ލަނޑު، މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމަށް މި ކާމިޔާބުކޮށްދިނީ އަލީ އޮލްވާނެވެ.
އޮސްޓްރިއާ އާއި އުރުދުން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އުރުދުންގެ ގޯލަށް ފަހު، މެޗުގެ 67 ވަނަ މިނެޓުގައި އޮސްޓްރިއާ އިން ލަނޑެއްޖެހިއެވެ. އެހެންނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ގޯލުޖެހުމުގެ ކުރީން އޮސްޓްރިއާގެ ސްޓެފަން ޕޮޝްގެ އަތުގައި ޖެހުނު ކަމަށް ނިންމާ އެ ލަނޑު ގަބޫލެއްނުކުރިއެވެ.
އޮސްޓްރިއާ އިން އަލުން ލީޑުނެގީ މެޗުގެ 76 ވަނަ މިނެޓުގައި އުރުދުންގެ ޔަޒާން އަލްއަރަބް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ އޮސްޓްރިއާގެ މާސެލް ސަބިޓްޒާ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އުރުދުންގެ ކުޅުންތެރިޔާ ބޮލުގައި ޖެހިފަ ވަތް ގޯލެކެވެ.
އިތުރުވަގުތުގެ 12 ވަނަ މިނެޓުގައި އޮސްޓްރިއާގެ ތިންވަނަ ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު ފޯވާޑް، މާކޯ އަނައުޓޮވިޗް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އުރުދުންގެ ސަލީމް އޮބައިދު އަތުގައި ޖެހުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.