ENGLISH

16 ޖޫން 2026

Advertisement

މަރަދޫފޭދޫގައި މަސްތުވާތަކެތީގެ ބޭނުންކުރުމަށް ބޭނުންހިފާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި

16 ޖޫން 2026

|

އައިމިނަތު ޝަފާ

އައްޑޫ ސިޓީ.

އައްޑޫ ސިޓީ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ "ހިދުމަތް"ދެމުންދިޔަ ތަނެއް، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ބަންދުކުރަން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުނެރެފައިވަނީ ސ. މަރަދޫފޭދޫ / "އުއްމީދުގެ" ކަމަށެވެ.

މި ގެ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އިއްޔެއިން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.

ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެއްކަން ހަނދާންކޮށްދީފައެވެ. އަދި މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުންޏެވެ. 

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެކަމުގެ ޔަގީންކަން ފުލުހުން ދީފައިވެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެކަމަށް ވެސް ފުލުހުން ބުންޏެވެ. 

އައްޑޫ ސިޓީ ހިތަދޫގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާތަނެއްވެސް މިފަހުން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވެއެވެ. އަދި ފުވައްމުލަކުގައި މިފަދައިން ހިދުމަތްދެމުންދިޔަ ތަނެއްވެސް ބަންދުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު