ENGLISH
16 ޖޫން 2026
ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ މިދިޔަ ހަފްތާގައިވެސް ހޯދައިފި
16 ޖޫން 2026
|
މިދިޔަ ހަފްތާގައި ސްކޭމްގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު އަންނަނީ އިތުރުވަމުން.
އެންމެ މަޤްބޫލު
ހުސްވި ހަފްތާގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ލައްކައަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.
އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގަ ސްކޭމްގެ 36 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.
މި މައްސަލަތަކުގައި 118,370 ރުފިޔާ ގެއްލުނެވެ. ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާގައި 164،240 ރުފިޔާ އަނބުރައި ހޯދާފައިވެއެވެ.
މިދިޔަ ހަފްތާގައިވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި (އީ-ކޮމާސް)ގެ މައްސަލަތަކެވެ. އެބާވަތުގެ 26 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް:
އީ-ކޮމާސް: 26 މައްސަލަ
ފައިސާ މާރުކުރުމުގެ މައްސަލަތައް: 1 މައްސަލަ
އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 4 މައްސަލަ
އެހެނިހެން: 5 މައްސަލަ
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިން ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ސްކޭމްގެ އަމަލުތައް ހިންގުން ރާއްޖޭގައި އާއްމުވަމުންދާއިރު ކޮންމެ ހަފްތާއަކު ސްކޭމްގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅެމުންދާ މިންވަރު އިތުރެވެ. އެގޮތުން މިދިޔަ ހަފްތާގައި ސްކޭމްގެ 33 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. މި މައްސަލަތަކުގައި 258,356 ރުފިޔާ ގެއްލުނެވެ. އޭގެތެރެއިން ހޯދިފައިވަނީ 150,693 ރުފިޔާއެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް ފުލުހުން އަބަދުވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.