ENGLISH

16 ޖޫން 2026

Advertisement

ކައުންސިލުތަކަށް ދޫކުރި ގްރާންޓު %11.3 އިތުރުވެއްޖެ

16 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ނ.އަތޮޅު މިލަދޫ ކައުންސިލާ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދޫކުރި ފައިސާގެ އަދަދު 11.3 އިންސައްތަ އިތުރުވެފައިވާކަން މާލީ ކަންކަމާއި އާއްމު ވިޔަފާރިތަކާ ބެހޭ ވުޒާރާއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖޫން، 04، 2026 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.04 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. 

ފާއިތުވި އަހަރުގެ އެ މުއްދަތުގައި ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުން ދޫކުރީ 897.1 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ އެ މުހުލަތުގައި ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު ނިމުނު އަހަރަށްވުރެ 11.3 އިންސައްތަ އިތުރުވިއެވެ. 

2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން ލޯކަލް ކައުންސިލުތަކަށް ބްލޮކް ގްރާންޓު ދިނުމުގެ މައިގަނޑު ބޭނުމަކީ ކައުންސިލުތަކުގެ އަމިއްލަ މާލީ ބާރުވެރިކަން އިތުރުކޮށް، އަމިއްލައަށް ކުދި އަދި މެދުފަންތީގެ މަޝްރޫއުތައް ރަށްރަށުގައި ހިންގޭނެ މަގުފަހިކުރުމެވެ. 

ކައުންސިލުތަކަަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރާ ފައިސާ އިތުރުކުރުމާއެކު، އެ ގްރާންޓުތަކުގެ ތެރެއިން އަންހެނުންގެ ކޮމިޓީތަކަށް ކުރިން ހާއްސަކޮށްފައިވާ 5 އިންސައްތަ، 10 އިންސައްތައަށް މި ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ގާނޫނަށް ގެނައި އިސްލާހުން އިތުރުކޮށްފައިވެއެވެ. 

ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ދޫކުރި ފައިސާ އިތުރުވިއިރު، ކައުންސިލުތަކުގެ އަމިއްލަ މާލީ ގާބިލުކަން އިތުރުކުރުމަށް ކައުންސިލުތަކަށް ފަޅުރަށްތައް ދޫކޮށް، ރަށްރަށުގެ އިހުތިސާސުގެ ތެރޭގައި ކުރިން ނުހިމެނޭ ބިންތައް ސަރުކާރުން އަންނަނީ ހިމަަނައިދެމުންނެވެ. 

އަދި ކައުންސިލުތަކަށް އަމިއްލައަށް ޒިންމާވާ ގޮތަށް ބޭންކުތަކުން ދަރަންޏަށް ފައިސާ ނަގައިގެން މަސައްކަތްކުރެވޭ ގޮތަށް ގާނޫނަށް މުހިއްމު އިސްލާހެއް ގެނެސްފައިވެއެވެ. 

ކައުންސިލުތަކުގެ މާލީ ގާބިލުކަން އިތުރުކުރުމަށް ގިނަ މަގުތަކެއް ފަހިކޮށްދިނުމުގެ އިތުރަށް ކައުންސިލުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ ގޮތުން ކައުންސިލުތަކަށް އައު އިމާރާތްތައް އަޅައިދިނުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފަށާފައިވެއެވެ. އަންނަ ޖުލައި މަހުގެ ނިޔަލަށް 50 އަށްވުރެ ގިނަ ރަށުގައި ކައުންސިލު އިދާރާގެ އައު އިމާރާތް އަޅައި ނިމޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު