ENGLISH

16 ޖޫން 2026

Advertisement

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޖަމާކޮށްފި

16 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ފިނޭންސް މިނިސްޓްރީ، ފޮޓޯ: މިހާރު

ދައުލަތުގެ ދަރަނި އަދާކުރުމުގެ ބުރަ އަންނަން އޮތް ޖީލުތަކަށް ވާސިލުވިޔަނުދީ ދައުލަތަށް މިހާރު ލިބޭ ފައިސާއިން އެ ދަރަނި އަދާކުރުމަށް ގާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް މި އަހަރުގެ މިހާތަނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން މާލީ ކަންކަމާއި އާއްމު ވިޔަފާރިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 

އެ ވުޒާރާއން އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުތަކުގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން 04 ޖޫން 2026 ވަނަ ދުވަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 1.03 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. އެ ފައިސާ ޖަމާކުރީ ބޭރުފައިސާއިންނެވެ. 

މި ފަންޑު 2017 ވަނަ އަހަރު ގާއިމުކުރުމަށްފަހު 2018 ވަނަ އަހަރުގެ ނިޔަލަށް އެ ފަންޑުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ރައްކާކޮށްފައިވަނިކޮށް، 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގެ މެދުގައި ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އެ ފައިސާގެ ބޮޑު ބައެއް މާރުކުރިއެވެ. 

އެ ފައިސާ މާރުކުރީ ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެންކަމަށް ކުރީ ސަރުކާރުން ބުނި ނަމަވެސް އެ ފައިސާ މާރުކުރުމަށް މަގުފަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ކޮވިޑް-19 ފެށުމުގެ ކުރިންނެވެ. 

އެއަށްފަހު އެއިރުގެ ސަރުކާރުން ބޭރުފައިސާއިން އެ ފަންޑުގައި ރައްކާކުރި ފައިސާ މަދުވުމާ ގުޅިގެން ސަރުކާރު ބަދަލުވިއިރު އެ ފަންޑުގައި ބޭރުފައިސާއިން ރައްކާކުރެވިފައި ހުރީ ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރެވެ. ނަމަވެސް މި ސަރުކާރުން އެ ފަންޑުގައި ބޭރުފައިސާއިން ރައްކާކުރި ފައިސާ އިތުރުކޮށް 500 މިލިއަން ޑޮލަރުގެ ސުކޫކު ޕޭމެންޓުގެ ބޮޑު ބައެއް އެ ފައިސާއިން ހަމަޖައްސާފައިވެއެވެ. 

ސުކޫކުގެ ޕޭމެންޓު އަދާކުރުމުގެ ނަތީޖާއެއްގެ ގޮތުން ފިޗު ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން އެއް ދަރަޖަ މަތިކުރުމަށް ނިންމިއެވެ. "ސީސީ" ދަރަޖައިގައި އޮތް ކްރެޑިޓް ރޭޓިން "ސީސީސީ-"އަށް މަތިކުރި ސަބަބުތަކުގެ ތެރޭގައި އެސްޑީއެފް ތަނަވަސްވުން ފިޗުން ފާހަގަކުރިއެވެ. 

ފިޗުން ފާހަގަކުރި ގޮތުގައި ސުކޫކުގެ ޕޭމެންޓު ހެދުމަށްފަހު އެސްޑީއެފްއަށް ފައިސާ ޖަމާކުރަމުންދާ ދިއުމަކީ މުސްތަގުބަލުގައި ރާއްޖެއިން އަދާކުރަންހުރި ދަރަނި އަދާކުރުމުގެ ގާބިލުކަން ހީނަރުނުވާކަމުގެ މައްޗަށް ދަލީލުކުރާ ހެއްކެކެވެ. 

ކިޔުންތެރިންގެ ހިޔާލު