ENGLISH

16 ޖޫން 2026

Advertisement

އީރާނަށް ނުހައްގު އަނިޔާ ލިބެމުންދޭ: ކޯޗު ގަލެނޮއީ

16 ޖޫން 2026

|

މުޙައްމަދު އަދުހަމް

އީރާންގެ ކޯޗު ގަލެނޮއީ --- ފޮޓޯ: ރޮއިޓަރސް

އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން، އެންމެ ފަހު ވަގުތު ދަތުރުފަތުރަށް ކުއްލި ބަދަލުތަކެއް ގެންނަން ޖެހުމުން އީރާނުގެ ޓީމަށް ނުހައްގު އަނިޔާ ލިބެމުންދާ ކަމަށް އެ ގައުމުގެ ކޯޗު އާމިރު ގަލެނޮއީ ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވުމުން، ކޯޗު ބުނީ މިފަދަ ހުރަސްތަކުގެ ސަބަބުން ޓީމުގެ ކުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލެނޮއީ ބުނީ، ހޯމަ ދުވަހުގެ ރޭ ލޮސް އެންޖެލިސްގައި މަޑުކުރުމަށް ރޭވިފައި އޮތް ނަމަވެސް، ކުއްލިއަކަށް އެނބުރި މެކްސިކޯއަށް ދާން އެންގުމުން އިތުރު ދަތިތަކާ ކުރިމަތިވި ކަމަށެވެ.

"އަޅުގަނޑުމެން ރޭވިފައި އޮތީ މިރޭ މިތަނުގައި މަޑުކޮށް، ކުޅުންތެރިންގެ ވަރުބަލިކަން ފިލުވުމަށްފަހު މާދަމާ މެންދުރު އެނބުރި ދިއުމަށް. އެކަމަކު އެ ފުރުސަތެއް ނުދިން،" ގަލެނޮއީ ބުންޏެވެ.

ގަލެނޮއީ ބުނީ، މިގޮތަށް ކަންކަން ވާން މެދުވެރިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ އަށް ނޭނގޭ ކަމަށާއި، މުޅި މުބާރާތަށް ބަލާއިރު އެންމެ ބޮޑަށް އިހުމާލުވަމުންދަނީ އިރާނާ މެދު އަމަލުކުރާ ގޮތުގައި ކަމަށެވެ.

އެމެރިކާގެ ވިސާ ހޯދުމުގައި އެ ގައުމަށް ކުރިމަތިވި ދަތިތަކާއި، އެމެރިކާގައި ޓީމު މަޑުކުރާ ވަގުތު ވީހާވެސް ކުރުކުރުމުގެ ބޭނުމުގައި، ޓީމުގެ ބޭސް ކޭމްޕް އެރިޒޯނާގެ ބަދަލުގައި މެކްސިކޯއަށް ފަހު ވަގުތު ބަދަލުކުރުމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މަޝްވަރާކޮށްފައެވެ.

ގަލެނޮއީގެ ވާހަކައިގައި މި ހުރަސްތައް ކުރިމަތިކުރީ ކޮން ފަރާތަކުން ކަމެއް އޭނާ ހާމައެއް ނުކުރެއެވެ. އަދި މިކަމާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންނާއި ފީފާގެ ބަހެއް ވެސް ލިބިފައެއްނުވެއެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރިތާ 24 ގަޑިއިރުވެސް ނުވަނީސް، އީރާނުން އެމެރިކާގެ ފަސްގަނޑުގައި ކުޅުނު މި މެޗުގެ ކުރިންވެސް ދަނޑުން ބޭރުގައި ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ.

ކޯޗު ގަލެނޮއީ ފާހަގަކުރި ގޮތުގައި، ޓީމުގެ މުހިންމު އެހީތެރި މުވައްޒަފުންގެ މަދުކަމަކީ ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ވިސާގެ ދަތިތަކާ ހުރެ ބައެއް އޮފިޝަލުންނާއި މީޑިއާގެ މަންދޫބުންނަށް ދަތުރު ނުކުރެވުމުގެ ސަބަބުން، ބެންޗުގައި ތިބޭ ކޯޗުންނަށް އިތުރު މަސްއޫލިއްޔަތުތައް އުފުލަން ޖެހުނެވެ.

"އަހަރެމެންގެ މެނޭޖްމަންޓް ޓީމުގެ ގިނަ ބަޔަކު މިތާކު ނެތް. އެމީހުންގެ ޒިންމާތައް ވެސް އުފުލަން ޖެހުނީ ހުދު އަހަރެމެންނަށް،" ގަލެނޮއީ ބުންޏެވެ.

ނިންމާލަމުން ގަލެނޮއީ ވަނީ، މިފަދަ ދަތިތަކާ އެކުވެސް، މެޗުގެ ނަތީޖާ އެއްވަރުކޮށް، ޓީމުން ދެއްކި ހިތްވަރަށް ތައުރީފުކޮށްފައެވެ. އެހެންނަމަވެސް، ދަތުރުފަތުރުގެ ބުރަބޮޑުވުމުގެ ސަބަބުން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވަރުބަލިކަން ކުރިމަތިވި ކަމަށާއި، ބައެއް ކުޅުންތެރިންގެ ފައިގެ މަސްގަނޑަށް އެރި ތަދުތަކަކީ އެ ބުރަ ދަތުރުގެ ނަތީޖާ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު