ENGLISH
16 ޖޫން 2026
ނިއުޒީލެންޑާ އެއްވަރުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އީރާން ޓީމު އެމެރިކާއިން ބޭރުވުމަށް އަމުރުކޮށްފި
16 ޖޫން 2026
|
ވޯލްޑް ކަޕުގައި ނިއުޒީލެންޑާއި އީރާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅެ އެއްވަރުވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އީރާން ޓީމު އެމެރިކާއިން ބޭރުވުމަށް އަމުރުކޮށްފި ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމުގައި މިއަދު ހެނދުނު ކުޅުނު ގްރޫޕް ޖީގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނިއުޒީލެންޑުންނެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އެލައިޖާ ޖަސްޓެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 32 ވަނަ މިނެޓުގައި ރާމީން ރެޒައީން ވަނީ އީރާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ނިއުޒީލެންޑުން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ޖަސްޓް ކާމިޔާބުކޮށްދިން އިތުރު ލަނޑަކުންނެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން މުޙައްމަދު މުހެއްބީ ވަނީ އީރާނަށް އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ސިޔާސީ ގޮތުން ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކުޅުނު ފޯރިގަދަ މެޗަށްފަހު، އެނބުރި މެކްސިކޯގައި ހުންނަ ޓީމުގެ ތަމްރީނު ކޭމްޕަށް ދިއުމަށް އީރާނަށް އަމުރުކުރީ ކޮން ފަރާތަކުން ކަމެއް އެ ޓީމުގެ ކޯޗު އާމިރު ގަލޭނޮއީ ހާމައެއް ނުކުރެއެވެ. މެޗަށްފަހު ކުޅުންތެރިންގެ ވަރުބަލިކަން ފިލުވައި، އަރާމުކުރުމަށްޓަކައި މިއަދު ކެލިފޯނިއާގައި މަޑުކުރުމަށް ޓީމުން ކުރިން ރާވާފައި އޮތް ނަމަވެސް، މެޗު ނިމުމާއެކު އެންގީ ވަގުތުން ފުރައިގެން 140 މޭލު ދުރުގައި އޮންނަ މެކްސިކޯގެ ޓިއުވާނާއަށް ދިއުމަށެވެ.
ވޯލްޑް ކަޕުގައި ނިއުޒީލެންޑާއި އީރާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ތަރުޖަމާނެއް މެދުވެރިކޮށް ވާހަކަދައްކަމުން ގަލޭނޮއީ ބުނީ، ކުޅުންތެރިންގެ ވަރުބަލިކަން ފިލުވާލުމަށްވެސް ވަގުތު ނުދޭ ކަމަށެވެ. "މެޗު ނިމުނުތަނާހެން އެންގީ ވަގުތުން ފުރަން ޖެހޭނެ ކަމަށް. ކުޅުންތެރިންގެ ރިކަވަރީއަށް ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެއް، އެކަމަކު މިހާރުން މިހާރަށް ފުރައިގެން ޓިއުވާނާއަށް ދާން އެންގުމުން އަހަރެމެންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ،" އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ހިސާބުން، އީރާން ޓީމުގެ ވޯލްޑް ކަޕުގެ ތައްޔާރީތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗު އެމެރިކާއިން ބޭރަށް ބަދަލުކޮށްދިނުމަށް އެދި އީރާނުން ހުށަހެޅި ހުށަހެޅުން ފީފާއިން ބަލައިނުގަތް ނަމަވެސް، އީރާނުން ނިންމީ މުބާރާތުގައި ވާދަކުރުމަށެވެ.
މެޗަށްފަހު ވާހަކަދައްކަމުން އެ ޓީމުގެ ތަރި ތާރޭމީ ބުނީ، ލޮސް އެންޖެލެސްއިން މިހާރުން މިހާރަށް ފުރަން ޖެހުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ފީފާއިން މިއަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށާއި، މިހާރު ކަންތައްތައް ވަމުންދާ ގޮތުން މުޅި މަޝްރޫއު ބޮޑު ކާރިސާއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
ގްރޫޕް ޖީގައި އީރާނާއި ނިއުޒީލެންޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، މި ގްރޫޕުގައި ރޭ ބެލްޖިއަމް އާއި މިސްރު ބައްދަލުކުރި މެޗުވެސް ވަނީ އެއްވަރުވެފައެވެ. އެއީ 1-1 ގެ ނަތީޖާއަކުންނެވެ.