ENGLISH
16 ޖޫން 2026
އީރާނަށް ކުރިމަތިވަމުންދާ ހުރަސްތަކުގެ ސަބަބުން އެންމެ މޮޅު ކުޅުން ދައްކަން އުނދަގޫ: ތަރޭމީ
16 ޖޫން 2026
|
އީރާންގެ ފޯވާޑް މެހްދީ ތަރޭމީ -- ފޮޓޯ: އީޕީއޭ
އެންމެ މަޤްބޫލު
އީރާނަށް ކުރިމަތިވަމުންދާ ހުރަސްތަކުގެ ސަބަބުން ފީފާ ވޯލްޑް ކަޕް 2026 ގައި އެންމެ ފުރިހަމަ ކުޅުން ދެއްކުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ޓީމުގެ ތަރި މެހްދީ ތަރޭމީ ބުނެފިއެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ތަރޭމީ ބުނީ، މިއީ އީރާނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، މިކަމުގެ ސަބަބުން ފުޓްބޯޅައަށް ވެސް ނޭދެވޭ އަސަރުކުރާ ކަމަށެވެ.
"މިއީ އަހަރެމެންނަށް އެންމެ ރަނގަޅު ގޮތެއް ނޫން. އަދި ފުޓުބޯޅައަށް ވެސް މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އަހަރެން ދެކެން. އަހަރެން ގަބޫލުކުރާ ގޮތުގައި ފީފާއިން މިއަށްވުރެ ބޮޑަށް އަހަރެމެންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ." ތަރޭމީ ބުންޏެވެ.
ތަރޭމީ ބުނީ، އާދީއްތަ ދުވަހު ކަންތައްތައް ދިޔައީ ވަރަށް އަވަސް އަރުވާލައިގެންނެވެ. އެގޮތުން، ޓިއުއާނާއިން ލޮސް އެންޖެލިސްއަށް ދަތުރުކުރުމަށްފަހު، ހޮޓަލަށް ގޮސް، އެއަށްފަހު ވަގުތުން ދަނޑުގެ ހާލަތު ބަލަން ދާންޖެހުނުކަން އޭނާ ފާހަގަކުރިއެވެ. އޭނާ އިތުރަށް ބުނީ، ލޮސް އެންޖެލިސްގެ މާހައުލަށް ހޭނުމަށް މަދުވެގެން ދެ ދުވަހުގެ ފުރުސަތު ޓީމަށް ލިބެންޖެހޭނެ ކަމަށެވެ.
"މިއީ ވަރަށް ދެރަ ކަމެއް. މީގެ ސަބަބުން އަހަރެމެންގެ ޓީމަށް ނޭދެވޭ އަސަރު ކުރޭ. އަހަރެމެން ބޭނުންވަނީ ހަމަޖެހުން،" ތަރޭމީ ބުންޏެވެ.
ހޯމަ ދުވަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އީރާން ޓީމުގެ ޗޭންޖިން ރޫމަށް ޒިޔާރަތްކުރެއްވިކަން ވެސް ތަރޭމީ ފާހަގަކުރިއެވެ.
މީގެއިތުރުން، އީރާނަށް ކުރިމަތިކުރުވަމުންދާ ހުރަސްތަކާ ގުޅޭގޮތުން އެ ޓީމަށް "ނުހައްގު އަނިޔާ" ލިބެމުންދާ ކަމަށް ކޯޗު އާމިރު ގަލެނޮއީ ވަނީ ބުނެފައެވެ. އަދި، މިފަދަ ހުރަސްތަކުގެ ސަބަބުން ޓީމުގެ ކުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
މުބާރާތުގެ ގްރޫޕް ޖީގައި ހިމެނޭ އީރާނާ ނިއުޒީލެންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމުނުއިރު، މި ގްރޫޕުގެ އަނެއް މެޗުގައި ބެލްޖިއަމްއާ މިސްރު ކުޅުނު މެޗު ނިމުނީ ވެސް 1-1 އިން އެއްވަރުވެގެންނެވެ.
މި މުބާރާތުގައި އީރާނަށް ދެން އޮތީ ބެލްޖިއަމްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 22 ވަނަ ދުވަހު ރާއްޖެގަޑިން މެންދަމު 12 ޖަހާއިރު އެވެ.