ENGLISH
16 ޖޫން 2026
އިރާން-އެމެރިކާ އެއްބަސްވުމަށް ރާއްޖެއިން މަރުހަބާކިޔައިފި
16 ޖޫން 2026
|
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އެމެރިކާއާއި އިރާނުން އެކުލަވާލައި އަމަލުކުރަންފެށި އެއްބަސްވުމަށް ރާއްޖެއިން މަރުހަބާކިޔައިފިއެވެ.
ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ އެމެރިކާއާއި އީރާނާ ދެމެދު ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށާއި، ހުރުމުޒް ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ވެވުނު ފަހުމުނާމާއަށް ސަރުކާރުން މަރުހަބާކިޔާކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ނުތަނަވަސްކަން ކުޑަކޮށް، ސުލްހަވެރިކަމާއި، އަމާންކަމާއި، ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ރާއްޖެއިން ދެކޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ދެ ގައުމުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ހައްލުކުރުމަށާއި، ދެފަރާތުންވެސް އިސްކަންދޭ ކަންބޮޑުވުންތަކަށް ޑިޕްލޮމެޓިކް އުސޫލުން މަޝްވަރާގެ މޭޒުން ހައްލު ހޯދުމަށް އެ ދެ ގައުމުން ދެއްކި ސާބިތުކަން ރާއްޖެއިން ބަލައިގަންނަކަމަށް ވެސް ހާރިޖިއްޔާގެ ބަޔާނުގައި ފާހަގަކުރިއެވެ.
މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ޕާކިސްތާނާއި ގަތަރުގެ އިތުރުން ގަލްފުގެ ގައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގައުމުތަކުން ކުރި މަސައްކަތަށް ރާއްޖެއިން ތައުރީފުކޮށްފައިވެއެވެ.
ހާރިޖިއްޔާއިން ވަނީ ޑިޕްލޮމަސީ އާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތަށް ކުރިއަށް ގެންދާ މި މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، އިގްތިސާދީ ކުރިއެރުމާއި، ދެމިގެވާ ސުލްހަ މަސަލަސްކަމަށް ރާއްޖެ އިން އަބަދުވެސް ވާގިވެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރާނީ އަންނަ ހުކުރު ދުވަހުއެވެ.