ENGLISH

16 ޖޫން 2026

Advertisement

ރާއްޖެ- އަޒަރުބައިޖާންގެ ސިޔާސީ ގުޅުމަށް 20 އަހަރު: ވަޒީރުގެ ސިޓީފުޅެއް

16 ޖޫން 2026

|

އަޙުމަދު ޙަމީދު

ދިވެހި ޚާރިޖިއްޔާގެ އޮފީސް --

ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވުނުތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަޒަރުބައިޖާން ގެ ޚާރިޖީ ވަޒީރު ޖޭހުން ބޭރަމޮފް އަށް ތަހުނިޔާގެ ސިޓީފުޅެއް ފޮނުއްވައިފި އެވެ. 

ވަޒީރުގެ މި ސިޓީފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނު މި އުފާވެރި މުނާސަބަތުގައި އަޒަރުބައިޖާން ގެ ޚާރިޖީ ވަޒީރަށާއި ސަރުކާރާއި އަދި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައިވެ އެވެ. 

ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު އޮންނަ ގާތް ގުޅުމަށް ވަޒީރުގެ ސިޓީފުޅުގައި އަލި އަޅުއްވާލައްވައި، ފާއިތުވި އަހަރު ތަކުގައި ދެ ޤައުމަށް ވެސް ފައިދާ އާއި ލާބަ ހުރި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަ ކުރައްވާފައިވެ އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ މަތީ ފަންތީގެ ބޭފުޅުންގެ ދަތުރުފުޅުތަކާއި އިތުރަށް ފުޅާކުރެވުނު އިޤްތިސާދީ ގުޅުންތަކާއި ކުރިއަރަމުން އަންނަ ދެ ޤައުމުގެ ރައްޔިތުންގެ ގުޅުމުގެ ސަބަބުން ދޭދޭ ގުޅުމަށް ލިބިފައިވާ ޚާއްޞަ ކުރިއެރުމަކީ އެހެނިހެން ގިނަ ދާއިރާތަކުން ކުރިއެރުން ހޯދުމަށް އެޅުނު ބިންގަލެއްގެ ގޮތުގައި އެ ކަމަނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. 

ހަމައެއާއެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގައި ދެ ޤައުމަށްވެސް ފައިދާ ކުރުވަނިވި ކަންތައްތަކުގައި، ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު