ENGLISH

16 ޖޫން 2026

Advertisement

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި އައްޑޫއިން ހަތަރު މީހަކު ހައްޔަރުކޮށްފި

16 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

އައްޑޫއިން ހައްޔަރު ކުރި މީހުން- ފޮޓޯ: ޕޮލިސް އެމްވީ

އައްޑޫ ސިޓީގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ދެ އޮޕަރޭަޝަނެއްގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ ދެ އޮޕަރޭޝަން ހިންގާފައިވަނީ ގަން ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ސައުތު ޕޮލިސް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމު އަދި ސައުތު ޕޮލިސް ސީރިއަސް ކްރައިމް ގުޅިގެންނެވެ.

ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އެގޮތުން، އެ ދެ އޮޕަރޭޝަންގެ ތެރެއިން އެއް އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފޭދޫ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ.

ފުލުހުން ބުނީ، އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 35 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 4.8 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒރުކުރުމުން ސ. ފޭދޫ / ހަނދުވަރު، އަޙްމަދު ލީން ފާރޫޤު (27އ) އާއި ސ. މަރަދޫފޭދޫ / ސޭންޑީބީޗް، ޢަބްދުﷲ ފަޒީން (41އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު އަނެއް މީހާވަނީ ކޯޓުން ދޫކޮށްލާފައެވެ.

މަރަދޫފޭދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ  ސ. މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އެވެ. އެ އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 2.81 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އަހްމަދު ޝަރަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު