ENGLISH
15 ޖޫން 2026
އުމުރުން ދުވަސްވީ މީހުންނަށް އަނިޔާކުރުމުގެ 58 މައްސަލަ ރިޕޯޓުކުރި
15 ޖޫން 2026
|
އުމުރުން ދުވަސްވީ ދެ މީހުން މަގުމަތީގައި ހިނގާފައި ދަނީ.
އެންމެ މަޤްބޫލު
ހުސްވި 2025 ވަނަ އަހަރު، އުމުރުން ދުވަސްވީ މީހުންނަށް އަނިޔާކުރުމުގެ 58 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 15 ވަނަ ދުވަހަކީ، އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާއި، އެފަރާތްތަކަށް އިހުމާލުވުމާއި، އަދި އެކި ގޮތްގޮތުން އެފަރާތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ.
2026 ވަނަ އަހަރަށް އެކުވެރި ދައުލަތްތަކުން (އދ.) ކަނޑައަޅާފައިވާ ޝިޢާރަކީ، "ހޭލުންތެރިކަމުގެ ބޭރުން: ދުވަސްވީ މީހުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އަމަލީ މަސައްކަތް ކުރުން" މިއެވެ. މި ޝިޢާރުގެ ދަށުން މައިގަނޑު ގޮތެއްގައި ބާރުއަޅަނީ، ހަމައެކަނި ހޭލުންތެރިކަން އިތުރުކުރުމުގެ ބަދަލުގައި، އަނިޔާ ހުއްޓުވުމަށްޓަކައި ހަރުދަނާ އަމަލީ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމާއި، އިންސާނީ ކަރާމާތާއި، އަދި ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުތަކަށާއި، ޖަމްޢިއްޔާތަކަށާއި، ޢާއިލާތަކުގެ އިތުރުން މުޅި މުޖުތަމަޢަށް މި ޝިޢާރުގެ ދަށުން ވަނީ ގޮވާލާފައެވެ.
ވުޒާރާއިން ބުނީ ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރަށްވެހިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ހުރީ ކަންބޮޑުވާންޖެހޭ ފަދަ މިންވަރެއްގައިކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު، އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި ވުޒާރާއަށް ޖުމުލަ 34 މައްސަލައެއް ހުށައެޅިފައިވާކަމަށް ބުންޏެވެ. މީގެ އިތުރުން، އެކި ބާވަތުގެ އަނިޔާގެ ޖުމުލަ 58 މައްސަލައެއް އެ އަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށް ބުންޏެވެ.
ވުޒާރާއިން ބުނީ އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމަޢުގައި އަގުވަޒަންކުރެވޭ، ރައްކާތެރިކަން ކަށަވަރުވެފައިވާ ބަޔަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއްކަމަށެވެ. އާއިލާގެ ދުވަސްވީ މީހުންނާއި އަވަށްޓެރިންގެ ހާލު ގަވާއިދުން ބެލުމާއި، އަނިޔާގެ ނިޝާންތައް ދެނެގަނެ، ޝައްކުކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ ކޮންމެ ފަރުދަކަށްވެސް ކުރެވިދާނެ މުހިންމު މަސައްކަތެއްކަން ވުޒާރާއިން ފާހަގަކުރެއެެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، އުމުރުން ދުވަސްވީ މީހުންނަށް އިންސާނީ ކަރާމާތާއި ރައްކާތެރިކަން ލިބިގެންވާ އުފާވެރި މާހައުލެއް ކަށަވަރުކޮށްދެވޭނެކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.