ENGLISH
15 ޖޫން 2026
މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ސަރުކާރުން މާލީ އެހީ ދެނީ
15 ޖޫން 2026
|
އިސްރަށްވެހިން ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް ބޭއްވި ސެޝަންތަކުގެ ތެރެއިން. ފޮޓޯ: އުރީދޫ މޯލްޑިވްސް
އެންމެ މަޤްބޫލު
މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް، މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ޞިއްހަތާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެސް.ޖީ.އައި.އައި މަޝްރޫޢުގެ ތެރެއިން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2026-2022) އާއި އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2028-2025) ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމެވެ. އެގޮތުން މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ އަދި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ފަންނީ އިރުޝާދާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ މަގުޞަދު ހާސިލްވުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ވުޒާރާއިން ގަބޫލުކުރެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޞިއްހީ ވުޒާރާ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީތެރިކަމާއެކު އެވެ. މި އެހީ ދިނުމަށް ނިންމާފައިވަނީ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" މަޝްރޫޢުގެ ދަށުންނެވެ.
މި އެހީ ޚާއްސަކުރެވިފައިވަނީ ގެވެށި އަނިޔާއާއި، ވަކި ޖިންސަކަށް ވީތީ ކުރެވޭ އަނިޔާ ހުއްޓުވުމަށާއި، އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކަށްކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން މިކަމާ ގުޅޭ އުސޫލު، މިހާރު ވަނީ އާއްމުކޮށްފައެވެ.
މި އުސޫލުގައި ގްރާންޓަށް ހުށަހެޅޭނެ ދާއިރާތަކާއި، ހިންގޭނެ ސަރަހައްދުތަކުގެ އިތުރުން، އިދާރީ އަދި މާލީ ކަންކަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހިމަނާފައިވާކަމަށް ވުޒާރާއިން ބުންޏެވެ.
މި އުސޫލުގައިވާ ގޮތުން މި އެހީއަށް އެދި ހުށަހެޅޭނީ ގެވެށި އަނިޔާއާއި މިންތީގެ ތަފާތުކުރުންތަކުގެ ސަބަބުން ކުރިމަތިވާ އަނިޔާތަކާ މެދު އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތަކަށެވެ. ހަމަމިއާއެކު ގެވެށި އަނިޔާއާއި މިންތީގެ ތަފާތުކުރުންތަކުގެ ސަބަބުން ކުރިމަތިވާ އަނިޔާތައް މަދުކުރުމަށާއި، ފިރިހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގެ އިތުރުން ޖުތަމަޢުގެ ފެންވަރުގައި މައްސަލަތައް ދެނެގަތުމާއި، ރިފަރަލް އަދި އިޖާބަދިނުމުގެ ނިޒާމު ޤާއިމުކުރުމަށް އެހީއަށް އެދި ހުށަހެޅޭނެއެވެ.
މީގެ އިތުރުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ދެވޭ ޚިދުމަތްތައްތަކާއި ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ހިޔާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށްވެސް އެހީއަށް އެދެވޭނެއެވެ. އަދި ގެވެށި އަނިޔާއާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ހުއްޓުވުމަށާއި، އަނިޔާ ލިބޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބޭނުންވާ ދިރާސާ ކުރުމާއި މައުލޫމާތު އެއްކޮށް ވަކާލާތުކުރުންވެސް އެހީ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން އިސްރަށްވެހިންނަށް މުޖުތަމައުގެ ތެރެއިން އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ވުޒާރާއިން އާއްމުކޮށްފައިވާ އުސޫލުގައިވާގޮތުން ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާއިން ވަކިވަކި ޖަމްޢިއްޔާތަކުން ހުށަހަޅާ ޕްރޮގްރާމްތަކަށް 771،000 ރުފިޔާއާ ހަމައަށް އެހީދިނުމަށް ހަމަޖެހިފައިވެއެވެ. ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮގްރާމްތަކަށް 1,156,500 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއިން ވަކިވަކި ޖަމުޢިއްޔާތަކުން ހުށަހަޅާ ޕްރޮގްރާމްތަކަށް 616,800 ރުފިޔާ އަދި ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮގްރާމްތަކަށް 925,000 ރުފިޔާގެ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވެއެވެ.
ޞިއްހަތާއި ބެހޭ ވުޒާރާއިން ބުނީ، ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާގެ ހަރަކާތައް ހިންގޭނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ކަމަށެވެ. އަދި އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާގެ ހަރަކާތްތައް ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހިނގޭނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.