ENGLISH
15 ޖޫން 2026
ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިރެއަށް ހަމަވާނެ
15 ޖޫން 2026
|
އެންމެ މަޤްބޫލު
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިރެއަށް ހަމަވާނެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުން ފްލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ސްކީމްތަކަށް ކުރިމަތިލާން ދިން ސުންގަޑި އެންމެ ފުރަތަމަ އޮތީ މިދިޔަ މަހުގެ ނިޔަލަށް ހަމަވާގޮތަށެވެ.
ނަމަވެސް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ފަހުން ވަނީ މިރޭގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ނިމިދިޔަ އަޟްޙާ ޢީދަކީ ގިނަ ބަޔަކު އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއެކު، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވުމުން ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާތައް ވުޒާރާއަށް ލިބެމުން އަންނާތީކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އޭރު ބުންޏެވެ. މާދާމާރެއަށް މުއްދަތު ހަމަވާއިރު ދެން އިތުރަށް މުއްދަތު އިތުރުކުރުމުގެ ވިސްނުން ނުގެންގުޅޭކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
މި ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ މަސައްކަތް މެދުކެނޑުމަކަށްފަހު އަލުން ފަށާފައިވެއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފަ އެވެ.
މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.