ENGLISH
15 ޖޫން 2026
ދ. މީދޫގެ ގޮނޑި ހާއްސަވަނީ އިދިކޮޅު އެންމެންނާ ވާދަކޮށްގެން ލިބުނު ކާމިޔާބީއަކަށް ވާތީ: ފަލާހް
14 ޖޫން 2026
|
އެންމެ މަޤްބޫލު
ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑީގެ އިތުރުބުރުގެ އިންތިޚާބު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކުރިއިރު، ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިދިކޮޅު އެންމެންނާ ވާދަކޮށްގެން އިންތިޚާބު ކާމިޔާބުކުރެވުން ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.
ފަލާހް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިއްޔެ ހަވީރު ދ. މީދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން އެރަށުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ފަލާހް ވިދާޅުވީ އިންތިޚާބުގައި ޕީއެންސީ ނުކުތީ އެމްޑީޕީ އާއި އެމްޑީއޭ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކަމަށެވެ. ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުނުދޭން ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށާއި، ޕީއެންސީގެ ތާއީދެއް އޮތް މީހަކަށް ވާނަ އެ ވޯޓެއް ހުއްޓުވަން މަސައްކަތްކުރައްވާކަމަށް ފަލާހް ވިދާޅުވިއެވެ. ދާދިފަހުން ނިމުނު ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުންވެސް އެކަން ފެނިގެންދިޔަކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބެއްގައި އެއްވަރުވި ގޮނޑިއަކުން ލިބުނު ނަތީޖާއަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"އެއްވަރުވި ގޮނޑިއަކުން މިހާ ބޮޑު އަދަދެއްގެ ތަފާތެއް އައުމަކީ ރައްޔިތުންގެ ހިތުގައި އަޅުގަނޑުމެންގެ މި ސަރުކާރަށް އަދި ހާއްސަކޮށް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް މި ގައުމަށް ގެންނަވާ މުހިއްމު ހެޔޮ ބަދަލުތަކާއި އެމަނިކުފާނުގެ އިސްލާހީ އެޖެންޑާއަށް ރައްޔިތުން ތާއިދުކުރާކަމުގެ ހެއްކެއް" ފަލާހް ވިދާޅުވިއެވެ.
ޕީއެންސީން ކުރިއަށްއޮތް ތަނުގައިވެސް މިގޮތަށް މަސައްކަތްކޮށްފި ކަމުގައި ވާނަމަ އިންތިޚާބުތައް ކާމިޔާބުކުރެވޭނެކަމަށް ފަލާހް ވިދާޅުވިއެވެ.
މީދޫގެ ކާމިޔާބީގެ އިތުރުން ދާދިފަހުން ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީއަށް ލިބުނު ޖުމްލަ ވޯޓަކީވެސް ކާމިޔާބީއެއްކަން ފަލާހް ފާހަގަކުރެއްވިއެވެ.
ފަލާހް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގައި އެމްޑީޕީގެ 1300 މެންބަރުން ތިބޭއިރު ޕީއެންސީގެ ތިބެނީ 700 މެންބަރުން ކަމަށެވެ. މެންބަރުންގެ އަދަދުގައި ބޮޑު ތަފާތެއް ހުރިނަމަވެސް އިންތިޚާބު ގެއްލުނީ އެންމެ 61 ވޯޓުންކަން ފަލާހް ފާހަގަކުރެއްވިއެވެ. މި ނަތީޖާއަކީ 2028 ގެ މަސައްކަތަށް ލިބިގެންދިޔަ އިތުބާރެއް ކަމަށް ފަލާހް ވިދާޅުވިއެެވެ.