ENGLISH
15 ޖޫން 2026
ބައިނަލްއަޤުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ހުޅުވިއްޖެ: ރައީސް
15 ޖޫން 2026
|
އެންމެ މަޤްބޫލު
ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ހުޅުވާލެވިއްޖެ ކަމަށާއި ވީމާ، އެ ފުރުސަތުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް މިއަދު ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މާކެޓް ކުޑަވުމުގެ ސަބަބުން، ދުނިޔޭގެ ނިޒާމުގެ ތެރެއަށް ފުރިހަމައަށް ވަނުމަކީ ވިޔަފާރީގެ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެތައް ޒުވާނުންނެއް ބުނަމުން އައިކަމަށެވެ. ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮތް ނަމަވެސް، ފައިސާ ބަލައިގަތުމުގެ ފުރިހަމަ މަގެއް ނެތްކަމަށާއި ދުނިޔޭގެ ކަންކޮޅުތަކުން ތަކެތި ގަނެވުނަސް، ޒުވާނުންގެ ހުނަރާއި އުފެއްދުންތައް ދުނިޔެއަށް ވިއްކުމުގައި ހުރަސްތައް ދިމާވަމުން އައިކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދު އެކަން ނިމުމަކަށް އައިސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕޭޕަލްއަކީ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗާއެއް ތަރައްގީ ކުރުމަށް ގެންގުޅުއްވާ ބޮޑު ބްލޫޕްރިންޓެއްގެ ހިއްސާއެއް ކަމަށެވެ. މިފަދަ ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދަނީ 2040ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރާ އެއްގޮތަށް ކަމަށާއި ގައުމުގެ އިގްތިސާދު ސިންދަފާތުނުކޮށް އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"މި ލަނޑުދަނޑި ހާސިލުކުރެވޭނީ ހަމައެކަނި ސަގާފީ ދާއިރާތަކަށް ބަރޯސާވެގެންނެއް ނޫނެވެ. އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި އާ ދާއިރާތަކެއް އުފައްދަންޖެހެއެވެ. އެގޮތުން، 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ރާއްޖޭގެ ޖީ.ޑީ.ޕީގެ މަދުވެގެން 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދުން ލިބޭ އާމްދަނީއަށް ހެދުމަކީ އަޅުގަނޑުމެންގެ އަމާޒެކެވެ،" ރައީސް ވިދާޅުވިއެވެ.
ގޫގަލް އާއެކު ދިވަރު އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ފަށާފައިވަނީ އެ ތަސައްވުރާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެ އޮތީ އެންމެ އެޑްވާންސް ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ތައްޔާރަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ "މޯލްޑިވްސް 2.0"ގެ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވައި މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސީދާ ބަލަހައްޓާ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް އެއް އަމާޒަކަށް ގުޅުވައިދޭ ސިޔާސަތެއްކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ކޮންމެ އިދާރާއެއް، ވުޒާރާއެއް އަދި ސަރުކާރު ހިއްސާވާ ކުންފުންޏަކުން މިހާރު މަސައްކަތް ކުރަމުންދަނީ މި ޑިޖިޓަލް ބަދަލު ފުރިހަމައަށް ބަލައިގަތުމަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރަހައްދީ ފެސިލިޓީތައްވެސް ތަރައްގީ ކުރަމުން އަންނަ ކަމަށާއި ކޮންމެ ރައްޔިތަކުވެސް މިކަމުގެ ފައިދާ ނަގައި ތަފާތު އުފެއްދުންތައް ދުނިޔެއާ ހިއްސާކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.