ENGLISH
15 ޖޫން 2026
ޕޭޕަލްއާއެކު ދުނިޔޭގެ ޑިޖިޓަލް އިގުތިސާދުގައި ދިވެހިންގެ ބައިވެރިވުން ފުޅާކުރެވޭނެ: ސައީދު
15 ޖޫން 2026
|
އެންމެ މަޤްބޫލު
ޕޭޕަލްއާއެކު ދުނިޔޭގެ ޑިޖިޓަލް އިގުތިސާދުގައި ދިވެހީންގެ ބައިވެރިވުން މިހާރު ފުޅާކުރެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ފެށުމައް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.
ރާއްޖެއަށް ޕޭޕަލް ތައާރަފުކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވަޒީރު ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރުމަކީ 10 އަހަރުގެ އިންތިޒާރުގެ ނިމުން ކަމުގައެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރިޔާސަތާއި 2023 ނޮވެންބަރު 17 ގައި ހާވާލުވެ ވަޑައިގަތުމަށްފަހު ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާކަމަށް ސައީދު ވިދާޅުވިއެވެ.
"ކޮންޓެންޓް ކްރިއޭޓަރުންނަށާއި ފްރީލާންސަރުންނަށް، މިއީ އަދި ނިމުމެއްނޫން، މިއަދަކީ އައު ބޮޑު ސަފުހާއެއްގެ ފެށުމެއް، މިއަދަކީ އިންތިޒާރެއްގެ ނިމުމެއް، ދުނިޔެ މިހާރު މި އޮތީ އަޅުގަނޑުމެންގެ އިނގިލި ކުރީގައި،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޕޭޕަލްގެ ހިދުމަތް ފެށިގެން ދިއުމަކީ ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ދިވެހިންގެ ބައިވެރިވުން ފުޅާކުރުމަށް އޮތް ބޮޑު ހުރަހެއް ނައްތާލުންކަމަށެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ޖީ.ޑީ.ޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިގްތިސާދުން ލިބޭ އާމްދަނީއަށް ހެދުންކަމަށެވެ. މިކަން ހާސިލުވާނީ ޒަމާނީ ހިދުމަތްތަކާއި، ފަސޭހަ ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކާއި، ދުނިޔޭގެ ބާޒާރުގައި ދިވެހިން ބައިވެރިވުން އިތުރުކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕޭޕަލް ރާއްޖެއަށް ގެނައުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ފެށުންކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވަނީ ދިވެހި ގައުމުގެ ޑިޖިޓަލް ކުރިއެރުމަށް މަގުފަހިކޮށްދެއްވައި، އުފެއްދުންތެރި އިގްތިސާދެއްގެ ނިޔާމަ ފުރުސަތު ހުޅުވާލަދެއްވިކަމަށް ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޝާދީ ޤަވަސްމީ ވިދާޅުވީ، އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ދެވެން ފެށުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޕޭޕަލް ހިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް މުޢިއްޒުގެ ވައުދުފުޅެކެވެ. ރާއްޖޭގެ ތާރީހުގައި އަލަށް ފެށި މި މުހިންމު ހިދުމަތާއެކު ފައިސާގެ މުއާމަލާތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތައާރަފުކުރެވިގެންދާނެއެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިދުމަތްތައް ރާއްޖެއިން ލިބޭނެ މަގުފަހިވެގެންދާނެއެވެ.