ENGLISH
15 ޖޫން 2026
ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
15 ޖޫން 2026
|
ހަސަން ޒަރީރު ވަޒީރުކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެންމެ މަޤްބޫލު
މާލީ ކަންކަމާއި އާއްމު ވިޔަފާރިތަކާ ބެހޭ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަނުކުރެއްވި ޙަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޒަރީރު މަގާމުގެ ހުވައިކުރެއްވީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ޒަރީރަށް ރުހުން ހޯދުމާއި ގުޅޭގޮތުން ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ އާއި ގުޅޭ ދާއިމީ ކޮމިޓީ އަށް ފޮނުވާފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ޒަރީރަކީ އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށްފަހު ފައިނޭންސްގެ ދާއިރާއިން މާސްޓާ އޮފް ފައިނޭންސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ތައުލީމު ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ.
ފުރަތަމަ ޑިގްރީގައި އެކްސެލެންޓް އެވޯޑު ހާސިލުކުރެއްވުމުގެ އިތުރަށް ޒަރީރު ވަނީ ޑީންސް ލިސްޓުގައި ހިމެނިވަޑައިގަތުމާއެކު، މާސްޓާސްގައި އެންމެ ރަނގަޅު ދަރިވަރުގެ މަގާމު ހާސިލުކުރައްވާފައިވެއެވެ.
އިނގިރޭސިވިލާތުގެ ޗާޓާޑް އިސްޓިޓިއުޓްގެ މެނޭޖްމަންޓް އެކައުންޓެންޓްސްއިން ޒަރީރަށް ޗާޓާޑް މެނޭޖްމެންޓު އެކައުންޓެންޓުގެ މަގާމު އަދި އޮސްޓްރޭލިއާގެ ސީޕީއޭއން ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓެންޓުކަންވެސް ލިބިވަޑައިގެންފަައިވެއެވެ.
މީގެ ކުރިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނުގެ އިތުރަށް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންކަމާއި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޑިރެކްޓާ އޮފް ފައިނޭންސްގެ މަގާމުވެސް އަދާކުރެއްވިއެވެ. އަދި އޯގަސްޓު 2010 އިން ފެށިގެން ސެޕްޓެންބަރު 2019 ވަނައާ ދެމެދު ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްްސޭޝަންގެ މަގާމު އަދާކުރެއްވިއެވެ.
އޭގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް އަދި އޮޕަރޭޝަންސް މެނޭޖާ ޕަބްލިކް ފައިނޭންސް ރިފޯމް ޕްރޮޖެކްޓުގެ މަގާމު 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ޒަރީރު އަދާކުރެއްވިއެވެ.