ENGLISH
19 ޖޫން 2026
ހިމަބިހީގެ ވެކްސިން ހިމެނޭހެން އިންޑިއާއިން ދިން ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
13 ޖޫން 2026
|
އެންމެ މަޤްބޫލު
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ހިމަބިއްސާއި ރުބެއްލާ ވެކްސިންގެ ދެވަނަ ޝިޕްމަންޓާއި، ތިން ޓަނުގެ ސިއްހީ ސާމާނު މިއަދު މާލެ ގެނެސްފިއެވެ.
މިތަކެއްޗަކީ މި މަހުގެ ތެރޭގައި އިންޑިއާ ސަރުކާރުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ތަކެއްޗެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ބުނީ މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވަރުގަދަ ގުޅުމާއި، އާންމު ސިއްހަތު ކުރިއެރުވުމަށް ދެޤައުމުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއްކަމަށެވެ. އަދި އިންޑިއާއިން އަބަދުވެސް އިސްކަން ދެނީ އަވަށްޓެރި ގައުމަކަށް ކަމެއް ދިމާވާ ހިނދު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކަމަށް ބުންޏެވެ.
މި އެހީގެ ދަށުން 20،000 ޑޯޒްގެ އެމް.އާރް ވެކްސިނާއި، ގާތްގަނޑަކަށް 3 ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ވަނީ ފޮނުވާފައެވެ. މީގެ ތެރޭގައި ބަލި ދެނެގަތުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓުތަކާއި، ސިއްހީ ފަރުވާގެ ކަންކަމުގައި ބޭނުންކުރާ ތަކެތި ހިމެނެއެވެ.
ދިވެހިރާއްޖެއަށް ދިމާވާ ކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފައެވެ.