ENGLISH

13 ޖޫން 2026

Advertisement

ސިވިލް ސާވިސް ކޮންފަރެންސް ފަށައިފި

13 ޖޫން 2026

|

އައިމިނަތު ޝަފާ

ސިވިލް ސަރވިސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބާއްވާ "ސިވިލް ސަރވިސް ކޮންފަރެންސް" މިއަދު ފަށައިފިއެވެ.

މިކޮންފަރެންސް ފައްޓަވާ ދެއްވީ ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއުއެވެ.

މިކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ 2026 އިން 2030 ގެ ނިޔަލަށް ސިވިލް ސަރވިސްގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފައެވެ. ހަމައެއާއެކު ކޮންފަރެންސްގެ އެބްސްޓްރެކްޓް ފޮތްވަނީ ނެރެފައެވެ.

ދެ ހާާސް ސާދަ ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް މިއަހަރު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. މިއީ މި ސިލްސިލާގެ ދަށުން ބޭއްވޭ ފަސް ވަނަ ކޮންފަރެންސްއެވެ. މީގެ ކުރިން މި ކޮންފަރެންސް ބާއްވާފައިވަނީ 2014، 2016، 2018 އަދި 2024 ވަނަ އަހަރުގައެވެ. މިއަހަރުގެ ކޮންފަރެންސަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ކުރިމަގަށް ތައްޔާރުވެފައިވާ އިޖާބަދޭ ހިންގުންތެރިކަމެއް - މީހުން ބާރުވެރިކުރުވައި، ހަލުވިކަމާއެކު ޚިދުމަތްތައް ހަރުދަނާކުރުން" މިއެވެ.

މި ޝިޢާރާ ގުޅުންހުރި މުހިންމު ދާއިރާތަކަކަށް މިއަހަރުގެ ކޮންފަރެންސްގައި އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމާއި، ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމާއި، މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމުގެ އިތުރުން، އިސްލާޙީ ބަދަލުތަކާއި ލީޑަޝިޕްގެ ގޮންޖެހުންތައް ހިމެނެއެވެ.

މިއަހަރުގެ ކޮންފަރެންސްގައި ސިވިލް ސާވިސްގެ އެކި އިދާރާތަކުގެ އިސް މުވައްޒަފުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިތުރުން ސިޓީ އަދި ރަށު ކައުންސިލްތަކުން ބައިވެރިވެއެވެ. ޖުމުލަ 300 ބައިވެރިންނާއެކު ކުރިއަށްދާ މި ބައްދަލުވުމުގައި، ސިވިލް ސާވިސްގެ ކުރިމަގާ ގުޅޭ އަށް ދާއިރާއަކުން 18 ދިރާސީ ކަރުދާސްވަނީ ހުށައަޅާފައެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ސިވިލް ސާވިސްގެ ޚިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންވާ އިންތިޒާމުތައް އެކަށައެޅުމެވެ. މި ކޮންފަރެންސްގައި ކީ-ނޯޓް ސްޕީކާރސްގެ ގޮތުގައި ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރެވޭ ފަރާތްތައް ހިމެނޭގޮތަށް ޖުމުލަ ހަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ސިވިލް ސަރވިސް ކޮންފަރެންސް ޚާއްޞަވާ އެއް ސަބަބަކީ، މި ކޮންފަރެންސްގައި މަޝްވަރާކުރެވޭ ކަންކަމާއި އަދި ދިރާސާ ކަރުދާސްތަކުން ފާހަގަކުރެވޭ ކަންކަމަށް ރިޢާޔަތްކޮށް، ސިވިލް ސަރވިސް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިސްކަން ދިނުމެވެ. އެ ގޮތުން ކުރީގެ ކޮންފަރެންސްތަކުގައި ހުށަހެޅުނު ކަރުދާސްކަތާއި، ޚިޔާލުތަކުގެ އަލީގައި ސިވިލް ސާވިސްގެ ނިޒާމަށް ޒަމާނީ ހެޔޮ ބަދަލުތައް ދަނީ ގެންނަމުންނެވެ.  މިއަހަރުގެ ކޮންފަރެންސްގެ އަމާޒަކީވެސް، މިފަދަ އައު އީޖާދުތަކާއި މަޝްވަރާތަކުގެ އަލީގައި، ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތްދޭ، ކުރިމަގަށް ތައްޔާރުވެފައިވާ ސިވިލް ސާވިސްއެއް ބިނާކުރުންކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު