ENGLISH
13 ޖޫން 2026
ކިންގްސް ކަޕް: ހޯކްސް އާއި ސްޓެލްކޯ ފައިނަލަށް
12 ޖޫން 2026
|
ކިންގްސް ކަޕުގައި ހޯކްސް އާއި އެއިޓީފޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026 ގެ ފައިނަލަށް ކުލަބު ހޯކްސް އާއި ސްޓެލްކޯ ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލަށް ހޯކްސް ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އެއިޓީފޯ ފުޓްބޯލް ކުލަބު އަތުން ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި ހޯކްސްގެ މުޙައްމަދު ސާދު ނިޒާރު ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އުނައިސް ޒުބައިރު، މުޙައްމަދު ފާސިރު އަދި އުލާންއެވެ. މީގެ ތެރެއިން ފާސިރު ކާމިޔާބުކޮށްދިން ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖަހައިދިން ލަނޑެކެވެ. މި މެޗުގައި އެއިޓީފޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އަޖުފާނެވެ.
ކިންގްސް ކަޕުގައި ސްޓެލްކޯ އާއި ކޯރާ ކޯރާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި މުބާރާތުގެ ފައިނަލަށް ސްޓެލްކޯ ދަތުރުކުރީ ސެމީގައި ޕެނަލްޓީ ޖަހައިގެން ކޯރާ ކޯރާ މޯލްޑިވްސް ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ޕެނަލްޓީގައި ސްޓެލްކޯ ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ކޯރާ ކޯރާއިން ދެ ލަނޑު ޖެހިއިރު، މި ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް އަނާން އަލީ އާއި މުޙައްމަދު އަޝްރަފް މަޙްމޫދު މުސްޠަފާއެވެ. އެކަމަކު ދެވަނަ ހާފުގައި ސްޓެލްކޯއިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ވިލްފާއި ޝުއައިދު ސައީދެވެ.
މި މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ސްޓެލްކޯއަށް ނާކާމިޔާބުވީ މުޙައްމަދު ސަމާހު މޫސާ ފަތުހީ ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ ވިލްފާއި، އިބްރާހީމް ރިމާހު އާއި، އަޙްމަދު ނައުފަލް އަދި ޝުއައިދު ސައީދު ފޮނުވާލި ޕެނަލްޓީތައް ވަނީ ކާމިޔާބުކޮށްފައެވެ. ކޯރާ ކޯރާގެ އަނާން އާއި، އަޙްމަދު ޒަމީމް އަދި މުޙައްމަދު ނިޝާން ޕެނަލްޓީތައް ޖަހައިދިން ނަމަވެސް، އެ ޓީމުގެ އަޝްރަފް އަދި ރައުލް ނިޔާޒް ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެއެވެ.
މި މުބާރާތުގެ ފައިނަލަށް ހޯކްސް އާއި ސްޓެލްކޯ ދަތުރުކުރިއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެރޭ 21:00 ގައެވެ.