ENGLISH
12 ޖޫން 2026
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު: ވޯޓް ކަރުދާސްތަކެއް ގެންގޮސްފި، ނަތީޖާގެ ކުރީން ސައްޙަކަން ގެއްލިއްޖެ
12 ޖޫން 2026
|
ވޯޓް ފޮށި ފަޅާލާފައި، އަދި ހަމަނުޖެހުން ހިންގަނީ --
އެންމެ މަޤްބޫލު
މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގައި އިންތިޚާބުގައި ވޯޓް ކަރުދާސްތަކެއް ގެންދިޔަ މައްސަލަ އަކާއި ފަޅާލާފައިވާ ފޮއްޓަކަށް ވޯޓްލުން ކުރިއަށް ގެންދިޔަ މައްސަލައެއް ފާހަގަވެ އިންތިޚާބުގެ ސައްޙަކަމާމެދު އިތުރަށް ސުވާލު އުފެދިއްޖެ އެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވޯޓްލުން ކުރިއަށް ދަނިކޮށް ގދ. ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ވަނީ ފަޅާލާފަ އެވެ. ވޯޓްލާ މަރުކަޒުގައި ބޮޑު ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އަދި ފ. ފީއަލީ ވޯޓުލާ މަރުކަޒުގައި ބަހައްޓާފައި ހުރި ވޯޓްފޮށި ނަޝީދުގެ ސަޕޯޓަރުންތަކެއް ވަނީ ފަޅާލާފަ އެވެ.
މީގެ އިތުރުން ފީއަލީގައި ވޯޓްލާން ބޭނުންކުރަނީ އެ ވޯޓްފޮއްޓާއި ހަވާލުވެހުރި މީހާ އަމިއްލައަށް ހަދާފައިވާ ވޯޓްސް ލިސްޓެއް ކަމަށް އިންތިޚާބުގައި ވާދަކުރާ މީކާއީލް ނަސީމް ވަނީ ވިދާޅުވެފަ އެވެ. އެ ލިސްޓުން މީކާއީލަށް ތާއީދު ކުރާ މީހުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ. އަދި ނަޝީދަށް ތާއީދުކުރާ މީހުންގެ ނަންތައް ވަނީ ހިމަނާފަ އެވެ.
އޭގެ ފަހުން އެ އޮފިޝަލް ވަނީ ވޯޓްފޮށި އޭނާގެ ގެއަށްވެސް ގޮސްފަ އެވެ. އަދި އެގޭގައި އޭނާ ބޭނުންވާ ގޮތަށް ވޯޓްގެ ކަންކަން ގެންގޮސްފައިވެ އެވެ.
ވޯޓްފޮށި ފަޅާލުމުން ބައެއް ރަށްރަށުގައި ފަޅާލާފައިވާ ވޯޓްފޮއްޓަށްވެސް ދަނީ ވޯޓް ލަމުންނެވެ.
އެމްޑީޕީގެ އިންތިޚާބާބެހޭ ކޮމެޓީން މިހާރު ވަނީ ފަޅާލާފައިވާ ފޮއްޓަކަށް އަޅަމުންދާ ވޯޓްގެ ސައްޙަކަން ކަށަވަރުނުވާނެތީ އެ ވޯޓްތައް ސައްޙަ ވޯޓްގެ ގޮތުގައި ނުބަލާނެ ކަމަށް ބުނެފަ އެވެ. އެއާއެކު އިތުރު ހަމަނުޖެހުންތަކެއް ވަނީ އުފެދިފަ އެވެ.
އަދި ކުރީގެ މެންބަރު ގަސަމް, ވޯޓް ކަރުދާސްތަކެއް ގެންދިޔަ މައްސަލައެއްވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ. އެއާއެކު ވޯޓްލުން މެދުކަނޑާލަން ވެސް ޖެހުނެވެ.
މިއަދުގެ އިންތިޚާބު ކުރިއަށްދަނީ ވޯޓްގެ ސައްޙަކަން ގެއްލޭ މިފަދަ އެތައް ކަމަކާއެކު އެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ސައްޙަކަމެއް ނެތް އިންތިޚާބުތަކެއް ކަމަށް އާންމުންގެ ގިނަ ބަޔަކު ދެކެ އެވެ. އެތެރޭގެ ކޮންމެ އިންތިޚާބެއްގައި މިފަދަ ކަންކަން ހިންގަ އެވެ.